ދިވެހި ޖުމްހޫރިއްޔާގެ އަށްވަނަ ރައީސްގެ ގޮތުގައި އެމަނިކުފާނު ފައްޓަވަނީ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލް ހިމާޔަތް ކުރުމުގެ މުހިންމު ދަތުރެއް ކަމަށް އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނުގެ ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ ވަޢުދުފުޅުތައް އިފްތިތާޙު ކުރެއްވުމަށް ރޭ ދަރުބާރު ގޭގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް މުޢިއްޒު ވިދާޅުވީ އަންނަ ހުކުރު ދުވަހު ފެށިގެންދާނީ ޤައުމުގެ އިޤުތިޞާދު ކޮޅަށް ޖަހާނެ ދަތުރެއް ކަމަށެވެ.

”އަޅުގަނޑުމެންގެ އުމްރާނީ ތަރައްޤީ، މިހާރު ސޮއްސާލައިފައި މިއޮތް ހިސާބުން ނަގައި، އަޅުގަނޑުމެން އެދޭ ހިސާބަށް ގެންދިޔުމުގެ ދަތުރު. ގެދޮރުވެރިކަމާއި އިޖުތިމާޢީ ތަރައްޤީ އަޅުގަނޑުމެން އެދޭ ހިސާބަށް ގެންދިޔުމުގެ ދަތުރު.“ އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތް ކުރުމަކީ އެންމެ ބޮޑު އިސްކަމެއް ދެއްވާނެ ކަންތައް ކަމަށް ރައީސް މުޢިއްޒު ގެންދެވީ ރިޔާސީ ކެމްޕެއިން ތެރޭގައި ވެސް ވިދާޅުވަމުންނެވެ. އެ ވަޢުދުފުޅާއި އެއްގޮތަށް، ފުރަތަމަ 14 ހަފްތާގައި ވެސް އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި، މަގު ޗާޓުގައި ހިމަނައިފައިވަނީ ބިދޭސީ ސިފައިން ބޭލުމުގެ މަސައްކަތް ފެށުމެވެ. އަދި ޗާގޯސް މައްސަލައިގައި ކަނޑުގެ ބައެއް ގެއްލިގެން ދިޔަ މައްސަލަ އިޓްލޮސްގައި އިސްތިއުނާފު ކުރުން ވެސް ހިމަނައިފައިވެއެވެ.

އިންތިޚާބީ ރައީސް ވިދާޅުވަމުން ގެންދަވާ ގޮތުގައި، އެމަނިކުފާނަށް ރައްޔިތުން ދިން ވޯޓަކީ މިނިވަންކަމުގެ ދިފާޢުގައި ދިން ވޯޓެކެވެ.