ގެދޮދުވެރިޔާ ސްކީމްގެ ދަށުން، އަޅައިފައިވާ 4000 ފްލެޓް ދޫކުރުމުގެ މަސައްކަތް އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ)އިން އަންގައިގެން ހުއްޓުވައިފިއެވެ.

ޕްލޭނިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، ”ގެދޮރުވެރިޔާ ސްކީމް“ގެ ދަށުން މާލެ ސަރަހައްދުން ފްލެޓަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން ދާއިމީ ލިސްޓުގައި ހިމެނޭ ފަރާތްތަކަށް ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް މިވަގުތު ކުރިއަށް ނުގެންދިއުމަށް އޭސީސީން އަންގައިފައިވާ ކަމަށެވެ.

އެހެންވެ، މި ސްކީމްގެ ދަށުން ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތާއި ގުޅިގެން އޭސީސީން ވަކިގޮތެއް އަންގަންދެން ފްލެޓްތައް ހަވާލުކުރުމުގެ މަސައްކަތް ހުއްޓާލާފައިވާ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ އިން ދޫކުރަން ނިންމާފައިވާ 4،000 ފުލެޓުގެ މައްސަލައިގައި އޭސީސީން ވަނީ މީގެކުރިން ހައުސިން މިނިސްޓްރީއަށްވެސް ވަދެފައެވެ.

މި ސްކީމްގެ ދަށުން ފުރަތަމަ 4،000 ފުލެޓު ލިބޭ މީހުންގެ ލިސްޓް އާންމުކުރުމާ އެކީ ފެންމަތިވި ޝަކުވާތަކާއި ކަންބޮޑުވުންތަކާ ގުޅިގެން އެ ފްލެޓްތައް ހަވާލުކުރުން މަޑުޖައްސާލަން އޭސީސީން، މި މަހުގެ ފަސް ވަނަ ދުވަހުވެސް އެންގިއެވެ. އެހެންނަމަވެސް މިނިސްޓްރީން އޭގެފަހުންވެސް ވަނީ ފްލެޓާ ގުޅޭ އެކިއެކި މަސައްކަތްތައް ކުރިއަށް ގެންގޮސްފައެވެ.