އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ވެރިކަމުގެ އެންމެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި ގެވެށި އަނިޔާ ހުއްޓުވުމަށް މަސައްކަތް ކުރާނެ ޚާއްޞަ އިދާރާއެއް ހަމަޖެއްސެވުމަށް ނިންމަވައިފިއެވެ.

އައު ސަރުކާރުގައި ޖެންޑަރ މިނިސްޓަރުގެ މަޤާމުގައި ހުންނަވާނީ، މަޢުލޫމާތު ލިބިފައިވާ ގޮތުގައި، ކުރީގެ އެޑިއުކޭޝަން މިނިސްޓަރު ޑރ.އައިޝަތު ޢަލީއެވެ. އެކަމަނާ ވަނީ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގެ ފަސް އަހަރުގައި އެޑިއުކޭޝަން މިނިސްޓަރުގެ މަޤާމު ފުރުއްވައިފައެވެ.

ރައީސް މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ ލަނޑުދަނޑިތައް ހިމެނޭ މަގުޗާޓުގައި 161 ކަމެއް ހިމެނޭއިރު، އޭގެތެރޭގައި ޚާއްޞަ އެހީއަށް ބޭނުންވާ މީހުންނަށް ވަޒީފާ ދިނުމުގެ ސިޔާސަތެއް އެކުލަވައިލައި އާއްމު ކުރުން ހިމެނެއެވެ. އަދި އިސްރަށްވެހިންނަށް ޚާއްސަ އިޖްތިމާޢީ މަރުކަޒެއް ބިނާ ކުރުމުގެ މަޝްރޫޢު ފެށުމާއި، ކުދި ކުށްތައް އަލަށް ކުރާ ކުޑަ ކުދިންނާއި ޒުވާނުން ޖަލަށް ލުމުގެ ބަދަލުގައި ހެޔޮ ތަރުބިއްޔަތަކާއިއެކު، އަނބުރާ މުޖްތަމަޢުއަށް ނުކުތުމަށް މަގުފަހިވާނެ ނިޒާމެއް ޤާއިމު ކުރުމުގެ ގޮތުން ކުޑަކުދިންގެ ޢަދުލުގެ ޤާނޫނު، ފުރިހަމައަށް ތަންފީޒު ކުރުމަށް މަގު ޗާޓެއް އެކުލަވައިލައި މަސައްކަތް ފެށުމަށް ވެސް ވަނީ މަގު ޗާޓުގައި ހިމަނައިފައެވެ.