ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގެ އެންމެ ފަހު ވަގުތުތައް ގުނުއްވަމުން އަންނަ މި ދަނޑިވަޅުގައި ފުލުހުންނާއި ސިފައިންގެ މުސާރައިގެ އައު އޮނިގަނޑު އެކުލަވައިލާ އެ އިދާރާތަކަށް ފޮނުއްވައިފިއެވެ.

އެކްސްގައި ކުރައްވައިފައިވާ ޕޯސްޓެއްގައި މިކަން ހާމަކުރައްވައި ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދު މިއަދު ވިދާޅުވީ، ނެޝަނަލް ޕޭ ކޮމިޝަނުން ފުލުހުންނާއި ސިފައިންގެ މުސާރައިގެ އައު އޮނިގަނޑު އެކުލަވައިލާ އެ އިދާރާތަކަށް ފޮނުވާފައިވާ ކަމަށެވެ.

ފުލުހުންނާއި ސިފައިންގެ މުސާރަ ބޮޑު ކޮށްދެއްވަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ވަޢުދު ވެވަޑައިގެންނެވީ ފުލުހުންގެ ޚިދުމަތަށް 90 އަހަރު ފުރުން ފާހަގަކުރަން މި އަހަރުގެ އޭޕްރީލް 29 ގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ވާހަކަަފުޅު ދައްކަވަމުންނެވެ.

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެސް ވަނީ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައި ފުލުހުންނާއި ސިފައިންގެ މުސާރަ ދެގުނައަށް ބޮޑު ކޮށްދޭން ވަޢުދުވެވަޑައިގެންފައެވެ.

ރައީީސް މުޢިއްޒު ވަނީ ވެރިކަމަށް އިންތިހާބު ވެވަޑައިގެންފިނަމަ ފަސް އަހަރަށް ބަހާލައިގެން މިނިވަން މުއައްސަސާތަކާއި، ސަރުކާރުގެ މުވައްޒަފުންނާއި ހުރިހައި ފަރާތްތަކެއްގެ މުސާރައަށް ހެޔޮ ބަދަލުތަކެއް ގެނެސްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.