އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ހުވާ ކުރުމުގެ ރަސްމިއްޔާތާއި ގުޅިގެން، މާދަމާރޭ ހަވާ އަރުވާގޮތަށް ހަމަޖެހިއްޖެއެވެ.

މިކަމާ ގުޅިގެން އެމްއެންޑީއެފްއިން ބުނީ، ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ މާދަމާރޭ 21:00 ގައި އިއްޒުއްދީން ފާލަން ކައިރީގައި ކަމަށެވެ. އަދި ހަވާ އަރުވާނީ ގާތްގަނޑަކަށް ފަސް ވަރަކަށް މިނެޓަށް ކަމަށްވެސް ބުނެފައިވެއެވެ.

އިންތިޚާބީ ރައީސްހުވާ ކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު ޖުމްހޫރީ މައިދާނުގައެވެ. އެ ރަސްމިއްޔާތުގެ އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުން އަންނައިރު، އެ ރަސްމިއްޔާތަށް އަންނަ ބޭރު ޤައުމުތަކުގެ ވެރިންވެސް މިހާރު ވަނީ ވަޑައިގަންނަވަން ފަށްޓަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ހުވާ ކުރުމުގެ ކަންކަން، ރައްޔިތުންގެ މަޖިލީހުން ހަވާލުކޮށްފައިވަނީ ސިވެކާއެވެ. އަދި އެ މަސައްކަތް ހަވާލުކުރެވިފައިވަނީ 22.9 މިލިއަން ރުފިޔާއަށް ކަމަށް މަޖިލީހުން ވަނީ ބުނެފައެވެ.