ޑރ.މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ ހުވައި ކުރައްވައިފިއެވެ. ޖުމްހޫރީ މައިދާނުގައި މިކަމަށްޓަކައި ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވީ، މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމެވެ.
ރައީސް ޑރ.މުޢިއްޒުއަށާއި، ޙުސައިން މުޙައްމަދު ލަޠީފަށް ނައިބު ރައީސް ކަމުގެ ހުވައި ލައިދެއްވީ އުއްތަމަ ފަނޑިޔާރު މުޢުތަސިމް އަދުނާނެވެ.
ރައީސް މުޢިއްޒު ހުވައި ކުރެއްވީ، ހަވީރު 4:49ގައެވެ.
ދިވެހި ޖުމްހޫރިއްޔާގެ އަށްވަނަ ރައީސް ހުވައި ކުރެއްވުމަށް މިއަދު ޖުމްހޫރީ މައިދާނުގައި ބޭއްވި ރަސްމިއްޔާތުގައި ދައުލަތުގެ އިސްވެރިންނާއި އައު ސަރުކާރުގެ އިސް ބޭބޭފުޅުންނާއި ދައުވަތު ދެއްވައިގެން ބޭރު ގައުމުތަކުން ވަޑައިގެން ތިއްބެވި އިސް ބޭބޭފުޅުންގެ އިތުރުން އާންމުންގެ 1000 މީހުން ވެސް ވަނީ ބައިވެރިވެފައެވެ.
މި ރަސްމިއްޔާތުގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެސް ބައިވެރިވެލެއްވިއެވެ.
ހުވައި ކުރެއްވުމާ އެކު އެ ޖަލްސާގެ ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ ރައީސް މުޢިއްޒާއި ނައިބު ރައީސް ޙުސައިނަށް މަރުހަބާ ދަންނަވައިފައެވެ.
