ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަކީ ދީނީ ކަންކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދެއްވާ ބޭފުޅެކެވެ.

އެމަނިކުފާނު ހައުސިން މިނިސްޓަރަކަށް ހުންނެވިއިރު ވެސް، ވަރަށް އަވަދިނެތި އުޅުއްވަމުން ވެސް، ކޮންމެ ވަގުތެއްގައި ވެސް ނަމާދަށް ވަގުތު ހުސް ކުރައްވަވާކަން އަރިހު މަސައްކަތް ކުރި ބައެއް މުވައްޒަފުންގެ ފަރާތުން އެނގިފައިވެއެވެ.

ދިވެހިރާއްޖޭގެ އަށްވަނަ ރައީސުލްޖުމްހޫރިއްޔާ މިއަދު ވެސް ދައްކަވައިފައިވަނީ ތަފާތު މަންޒަރެވެ.

މިއީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވާއިރު، މި ޤައުމުގެ އެއްވެސް ވެރިއެއްގެ ފަރާތުން އަދި މި މަންޒަރު ފެނިފައެއް ނުވެއެވެ. ހުވައި ކުރެއްވުމަށްފަހު، ރައީސް މުޢިއްޒު ވަޑައިގަތީ އިސްލާމީ މަރުކަޒުގެ އެންމެ ކުރީ ސަފުގައި، ފަރުޟު މަޣްރިބު ނަމާދު ކުރެއްވުމަށެވެ. މިއީ ވަރަށް ރިވެތި، އަދި އެހައިމެ ފުރިހަމަ ނަމޫނާއެއްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އިސްލާމީ ޤައުމުތަކަށް ބޭނުންވަނީ މިފަދަ ވެރީން ކަމަށް ވެސް އެމަނިކުފާނަށް ތަޢުރީފުކޮށް، މީސްމީޑިއާގައި ޝުޢޫރު ފައުޅު ކުރާ މީހުން ދަނީ ބުނަމުންނެވެ.

ރިޔާސީ ކެމްޕެއިނުގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން މިފަދަ މަންޒަރު ފެނިފައިވެއެވެ. އެމަނިކުފާނު ވަނީ ރަށްރަށަށް ވަޑައިގެން ބުރަކޮށް އުޅުއްވަމުން ވެސް ނަމާދު ކުރައްވައިފައެވެ. ރައީސް މުޢިއްޒު އަކީ ފަތިސް ނަމާދު ވެސް ޖަމާޢަތުގައި ކުރައްވަވާ ވެރިއެކެވެ.