ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އިސްލާމިކް މިނިސްޓަރަކަށް ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އައްޔަނު ކުރައްވައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި އެމަނިކުފާނަށް މަޤާމުގެ ފަތްކޮޅު އެރުވީ، ރައީސް ޑރ.މުޙައްމަދު މުޢިއްޒުއެވެ.

ޑރ.ޝަހީމް ވަނީ އިސްލާމިކް އިކޮނޮމިކްސްގެ ރޮނގުން ޕީއެޗްޑީ ހާސިލުކުރައްވައިފައެވެ. އެމަނިކުފާނަކީ ދުނިޔޭގެ އެންމެ ނުފޫޒުގަދަ 500 މުސްލިމު ޝަޚްޞިއްޔަތުންގެ ލިސްޓުގައި މިހާރު ވެސް ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. ބައިނަލްއަޤްވާމީ ބޮޑެތި ޖަމާޢަތްތަކުގައި އެމަނިކުފާނު ވަނީ ޚިދުމަތް ކުރައްވައިފައެވެ.

ރާއްޖޭގެ އިސްލާމިކް މިނިސްޓަރުގެ މަޤާމު ކުރިން ވެސް އަދާ ކުރައްވައިފައިވާ ޝަހީމް ވަނީ އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރުކަން ވެސް ކުރައްވައިފައެވެ.

ދީނީ ޢިލްމު ފެތުރުއްވުމަށް ގިނަ މަސައްކަތްޕުޅުތަކެއް ކުރައްވަމުން ގެންދަވާ ޝަހީމް ވަނީ ގިނަ ފޮތްތަކެއްވެސް ނެރުއްވައިފައެވެ.