ރައީީސް މުޢިއްޒުގެ ވާހަކަފުޅުގައި ޢިލްމުވެރިންނަށް ސަރުކާރުން ދޭނީ ތާއީދާއި އިޖާބައާއި ތަރުޙީބު ކަމަށް ވިދާޅުވިއެވެ.

”މަދަދާއި އެހީތެރިކަން. ކީރިތި ޤުރްއާނުގެ ތަޢުލީމާ އެއްގޮތަށް ޙިކްމަތްތެރިކަމާއި، ރިވެތި ވަޢުޡާއި ނަސޭހަތުން ތިޔަބޭފުޅުން، ދީން ހުށަހަޅުއްވައިދެއްވާ! ދިވެހި ދަރީންނަކީ މާތްވެގެންވާ އިސްލާމްދީނާއި، މި ލޮބުވެތި ދިވެހި ޤައުމަށް، ވަފާތެރި، މުރާލި، ޒިންމާދާރު ބަޔަކު ކަމުގައި ހައްދަވައިދެއްވާ! އެކަމުގައި އުނގަންނައިދިނުމާއި، މުޢާމަލާތު ކުރުމުގެ ޒަމާނީ ޢިލްމީ އާ ގޮތްތައް ބޭނުންފުޅުކުރައްވާ!“ މިއަދުގެ ސިކުނޑިތަކަށް ޤަބޫލުކުރެވޭ ފަދަ ޒަމާނީ އުސްލޫބުތަކަށް އަހުލުވެރިވެވަޑައިގެން، އެ ގޮތްތައް ބޭނުންކުރައްވާ!

 

ރައީީސް ވަނީ، އެކި ދާއިރާތަކުން ކިޔަވައި ވިދާޅުވެގެން ތިއްބެވި ތިޔަ ޢިއްޒަތްތެރި ޢިލްމުވެރީންނާއި އަދި ރާއްޖޭގެ ޢިލްމީ މުއައްސަސާތަކުގެ ފަރާތުން އެމަނިކުފާނު އެދިވަޑައިގަންނަވަނީ  ޢިލްމީ ދިރާސާތައް ގިނަކުރައްވައި، އެ ދިރާސާތައް އާންމުކުރެއްވުން ކަމަށެވެ. އެކަމުގެ މަގުތައް ސަރުކާރުން ފަހިކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ.

އެމަނިކުފާނު ބޭނުންފުޅުވެލައްވާ ގޮތަކީ، ޤައުމީ ތަރައްޤީއާ ބެހޭ ސިޔާސަތުތައް އެކުލަވައިލުމުގައި، އެކަމުގެ ބިންގާ އަދި އަސްލަކީ، ޢިލްމުވެރީންގެ ޢިލްމީ ދިރާސާތައް ކަމުގައި ހެދުން ކަމަށް ވެސް ވިދާޅުވިއެވެ.

”އެހެނީ، ޤައުމު ބިނާކުރުމުގައި އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، ދިވެހީންގެ ކަންކަން ނިންމާނީ ދިވެހީން. އެކަމުގައި އެންމެ އިސްދައުރެއް އަދާކުރެވޭނެ ބަޔަކީ، ކޮންމެ ދާއިރާއަކުން ނަމަވެސް، ކަމުގެ ހޭލުންތެރިކަން ލިބިފައިވާ ފަރާތްތައް. އެހެންކަމުން، ޢިލްމީ ކޮންމެ ގަހަކީ މޭވާ ގަންނަ، ވަރިހެޔޮ ގަހަކަށްވުމަށް އަޅުގަނޑު ވަރަށް ބޮޑަށް އެދެން.“ ރައީސް ވިދާޅުވިއެވެ.