ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންގޮސްދެއްވުމަށް އެދި ދިވެހި ސަރުކާރުން ރަސްމީ ގޮތުން އިންޑިއާ ސަރުކާރުގައި އެދިވަޑައިގެންފިއެވެ.
ދިވެހި ސަރުކާރުން މިކަމަށް އެދިވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިންޑިއާގެ މިނިސްޓރަ އޮފް އަރތް ސައިންސެސް، މިސްޓަރ ކިރެން ރިޖިޖޫ އާއެކު މިއަދު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައެވެ.
މިކަމާއި ގުޅޭ އިތުރު ތަފްޞީލެއް ރައީސް އޮފީހުން ހާމައެއް ނުކުރައްވައެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދިއުމަށް އިންޑިއާ ސަރުކާރުގައި ވެރިކަމުގެ ފުރަތަމަ ދުވަހު ވެސް އެދިވަޑައިގަންނަވާނެކަމަށް ރައީސް މުޢިއްޒު މީގެ ކުރިންވެސް ވިދާޅުވެފައިވެއެވެ.
އަދި އުއްމީދަކީ ހަފްތާއެއްހައި ދުވަހުގެ ތެރޭގައި މައްސަލަ ހައްލުކުރެވުންކަމަށް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިންގެ އަދަދު ސާފު ނުވާ ކަމަށް ރައީސް މުޢިއްޒު ރައިސްކަމުގެ ހުވައި ކުރެއްވުމުގެ ކުރިން ވިދާޅުވެފައިވެއެވެ. އިއްޔެ ހުވައި ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީީސް ވަނީ ރާއްޖޭގައިވބޭރުގެ ސިފައިންނަށް ޤާއިމުވެ ނުތިބެވޭނެ ކަމަށް ވިދާޅުވެފައެވެ.
