ފަސް ނަމާދުގެ ވަޤުތުގައި ގޮވާ ބަންގީގެ އަޑު އިވޭ ގޮތަށް، ޒަމާނީ ބަދަލުތަކާއިއެކު މާފަންނު ގަޑިބުރު މިރޭ އިފްތިތާޙު ކޮށްފިއެވެ.
މިރޭ ބޭއްވި ރަސްމިއްޔާތެއްގައި މި ގަޑިބުރު ހުޅުވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުއެވެ. ”ޗާލު މާލެ ސިޓީ“ އަމާޒުގެ ދަށުން، މާލެ ސިޓީ ކައުންސިލުގެ އިސްނެގުމަށް ފެށި މި މަޝްރޫޢު ހިންގީ ރަޝީދު ކާޕެންޓްރީގެ ސީއެސްއާރް ޕްރޮޖެކްޓެއްގެ ގޮތުގައެވެ. އެހެންވެ، މި މަޝްރޫޢުއަށް ސިޓީ ކައުންސިލުން ޚަރަދު ކޮށްފައެއް ނުވެއެވެ.
ގަޑިބުރަކީ މާފަންނު ފަރީދީމަގާއި، ފަނޑިޔާރު މަގު އަދި އޯކިޑް މަގާއި ފުނަ ގޯޅި ގުޅޭ ގޮތަށް ހުންނަ ތަނެކެވެ.
އެންމެ ފުރަތަމަ މާލޭގައި ގަޑިބުރު ބިނާކޮށްފައި ވަނީ 1990 ވަނަ އަހަރު ރާއްޖޭގެ މިނިވަންކަމަށް 25 އަހަރު ފުރުމުގެ މުނާސަބަތުގައި، އަވަށްޓެރި ސްރީލަންކާގެ އެހީތެރިކަމާއެކުގައެވެ.
ޒަމާނީ ބަދަލުތަކާއިއެކު، މިހާރުގެ ގަޑިބުރު ފަރުމާ ކުރީ، އޭރު ބިނާކުރި ގަޑިބުރާ ދާދި އެއްގޮތަށެވެ. ބޭނުމަކީ އެ ހަނދާންތައް އައު ކުރުން ކަމުގައި، މޭޔަރުކަމުގައި އޭރު ހުންނެވި، ރައީީސް މުޢިއްޒު ވިދާޅުވިއެވެ.
ގަޑިބުރު އިފްތިތާހުކޮށްދެއްވުމަށްފަހު ރައީސް މުޢިއްޒު ވިދާޅުވީ ކައުންސިލްގެ ސްޓްރެޓެޖިކް ޕްލޭން ފާސްކުރިއިރު ކުރަން ނިންމި ކަމެއް، ފުރިހަމަވެގެން ދިއުމުން ވަރަށް ބޮޑަށް އުފާ ލިބިވަޑައިގަންނަވާ ކަމަށެވެ. އަދި ގަޑިބުރުން ފަސް ވަގުތު ބަންގި ގޮވާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި، ސިޓީ ކައުންސިލުން ބޭނުންވާ މުހިންމު މެސެޖުތަކާއި، ވިޔަފާރިތަކުގެ އިޝްތިހާރު ވެސް ގަޑިބުރުގެ ސްކްރީނަށް އެރުވޭނެކަން ފާހަގަކުރެއްވިއެވެ.
މާލެ ސިޓީގެ ތަރައްޤީއަށް، އެމަނިކުފާނު މޭޔަރުކަމުގައި ހުންނެވިއިރު، ރޭއްވެވި މުހިންމު ބައެއް މަޝްރޫޢުތަކަށް އޭރުގެ ސަރުކާރުން ހުއްދަ ދީފައެއް ނުވެއެވެ. މާލޭގެ މަގުތައް ހެދުމާއި، ޕާކިން އިމާރާތްތައް ހެދުން ފަދަ މަޝްރޫޢުތަކެވެ. ރައީީސް މުޢިއްޒު ވަނީ މިފަދަ މަޝްރޫޢުތައް އެމަނިކުފާނުގެ ޒަޢާމަތުގައި ހަލުވި މިނުގައި ކުރިއަށްދާނެކަން ފާހަގަކުރައްވައިފައެވެ.
މާފަންނު ގަޑިބުރު އަލުން ތަރައްޤީކޮށް އިފްތިތާޙްކޮށް ދެއްވައިފި.މި ގަޑިބުރު ރަސްމީކޮށް އިފްތިތާޙްކޮށްދެއްވީ ދިވެހި ރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު.
މިއީ ރައީސް ޑރ. މުޢިއްޒު @MMuizzu މާލެ ސިޓީގެ މޭޔަރު ކަމުގެ މަޤާމުގައި ފެއްޓެވި މަޝްރޫޢެއް!#ChaaluMaleCity pic.twitter.com/5I81SmxKLq— Malé City Council (@MaleCitymv) November 18, 2023
ގަޑިބުރު އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައި ސަރުކާރުގެ ވަޒީރުންނާއި، މާލެ ސިޓީ ކައުންސިލުގެ ޑެޕިއުޓީ މޭޔަރު އަޙްމަދު ނަރީޝްގެ އިތުރުން ޕީޕީއެމް/ޕީއެންސީ އާއި އެމްއެންޕީގެ އިސް ފަރާާތްތައް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
