ފަލަސްޠީނުގައި މިނިވަން ދައުލަތެއް ޤާއިމުވެގެން ދިޔުމަށް އެދިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ފަލަސްޠީނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަލީދު އޭ. އެމް. އަބޫޢަލީ އާއި ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ބައްދަލުކުރެއްވުން އޮތީ އިއްޔެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މި ބައްދަލުކުރެއްވުމުގައި ފަލަސްޠީނުގެ ސަފީރު ވަނީ ރައީސް މުޢިއްޒު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަޤާމާ ޙަވާލުވެވަޑައިގެންނެވުމާ ގުޅިގެން ސަފީރުގެ ނަންފުޅުގައާއި ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސްގެ ނަންފުޅުގައި އެމަނިކުފާނަށް މަރުޙަބާ ވިދާޅުވެފައެވެ.
އަދި ރައީސް މުޢިއްޒު ވަނީ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުތައް ހޯދުމަށް ކުރަމުންދާ މަސައްކަތުގައި، އެމަނިކުފާނާއި ދިވެހި ސަރުކާރާއި އަދި ރައްޔިތުންގެ ފަރާތުން އޮންނަ ހިފެހެއްޓުމެއްނެތް ތާއީދު ހާމަކުރައްވައި، އެމަނިކުފާނާއި އަދި ދިވެހިރައްޔިތުން އަބަދުވެސް ތިބޭނީ ފަލަސްޠީނުގެ ރައްޔިތުންނާ އެކުގައިކަން ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ މިހާރު އިޒްރާއީލުން ޣައްޒާގައި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ އުދުވާނުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ.
މީގެ އިތުރުން ރައިސުލްޖުމްހޫރިއްޔާ ވަނީ ފަލަސްޠީނުގެ ސަރަހައްދީ ރޮނގު 1967 ގެ ކުރީގައި އޮތްގޮތަށް، ފަލަސްޠީނުގައި މިނިވަން ދައުލަތެއް ޤާއިމުވެގެންދިއުމަށާއި، އެސަރަހައްދުގައި ޞުލްހައާއި ހަމަޖެހުން ގާއިމުވެގެންދިއުމަށް އެދިވަޑައިގަންނަވާކަމުގައި ވިދާޅުވެފައެވެ.
ރައީސުލްޖުމްހޫރިއްޔާއާ ފަލަސްޠީނުގެ ސަފީރު ވަނީ، ޣައްޒާގައާއި ފަލަސްޠީނުގެ އެހެނިހެން ސަރަޙައްދުތައް ބަންދުކޮށްފައި އޮތުމުގެ ސަބަބުންނާއި، އިޒްރާއީލުން ހިންގަމުންދާ އުދުވާންތަކާ ގުޅިގެން ކުރިމަތިވެފައިވާ ނާޒުކު ހާލަތާ ބެހޭގޮތުންނާއި، އެ ހާލަތުން އަރައިގަތުމަށްޓަކައި ވަގުތުން ހަމަލާތައް ހުއްޓާލުމާއި އަދި ފަހިވާންޖެހޭ އިތުރު ކަންކަމާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ.
ރައީސުލްޖުމްހޫރިއްޔާއާ ސަފީރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ ފަލަސްޠީނާއި ދިވެހިރާއްޖެއާ ދެމެދު އޮންނަ އެއްބާރުލުމާއި އަޚްވަންތަކަމުގެ ގުޅުންތައް އެގޮތުގައި ދެމި އޮންނާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.
