ރާއްޖެއިން މީހުން ޙައްޖަށް ގެންދިއުމުގެ ހުއްދަ ހަމައެކަނި މޯލްޑިވްސް ޙައްޖު ކޯޕަރޭޝަނަށް ދިނުމުގެ މަޝްވަރާތައް ކުރިއަށް ދާކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ރޭ ޕީއެސްއެމްގެ ”ރާއްޖެ މިއަދު“ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ، މިއީ އަދި މުޅިން ނިންމާފައިވާ ނިންމުމެއް ނޫން ކަމަށާއި، މި މަޝްވަރާތައް ކުރެވެނީ ޙައްޖަށް ގެންދިއުމުގެ ނަމުގައި ކުންފުނިތަކުން ރައްޔިތުންގެ އަތުން މާގިނައިން ފައިސާ ނަގާތީ ކަމަށެވެ.

”ހަތްދިހަ ފަސްހާހަށް ޕްރޮޕޯސަލްގައި ޖަހައިގެން ނުވަތަ އަސްޑިހަފަސްހާސް ނުވަތަ ނުވަދިހަ ހާސް ވެސް ޖަހައިގެން ބިޑް ކާމިޔާބު ކުރެވިދާނެ. އެކަމަކު ދެން ރައްޔިތު މީހާއަތުން އިތުރު 50 ހާސް ނަގަންޖެހުނީމަ އެއީ ވަރަށް ބޮޑު ކަމެއް،“ ޝަހީމް ވިދާޅުވިއެވެ.

އެކަން ރައްޔިތުންނަށް ގެއްލުންވާގޮތަށް ދޫކޮށްލާފައި ބޭއްވުމަކީ ވަރަށް އުނދަގޫ ކަމަކަށް ވާނެ ކަމެއް ކަމަށް ވިދާޅުވެ، މިނިސްޓަރު ވަނީ މި ކަމަށް އޮތް ޙައްލަކީ ޙައްޖު ކޯޕަރޭޝަނަށް ހުރިހައި ކޯޓާއެއް ދިނުން ކަމަށެވެ.

ނަމަވެސް، ޢުމްރާއަށް މީހުން ފޮނުވުމުގެ ފުރުޞަތު ހުރިހައި ގްރޫޕުތަކަށް އޮންނާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.