ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޑެޕިއުޓީ އަންޑަރ ސެކްރެޓަރީގެ މަޤާމަށް ޕީއެންސީގެ މެމްބަރު، މުޙައްމަދު އަބާން ޢަބްދުއްލަޠީފު އައްޔަނު ކުރައްވައިފިއެވެ.

އަބާން އެ މަޤާމަށް އައްޔަނު ކުރެއްވީ މި މަހުގެ 17 ‏ވަނަ ދުވަހުއެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަބާން ވަނީ، މިކަމަށްޓަކައި ރައީީސް ޑރ.މުޙައްމަދު މުޢިއްޒުއަށް ޝުކުރު އަދާ ކުރައްވައިފައެވެ.

އޭނާ ވިދާޅުވީ ޤައުމަށް މިފަދަ ހިސާބެއްގައި ޚިދުމަތް ކުރެއްވުމުގެ ފުރުޞަތު ލިބިވަޑައިގަތުމަކީ ލިބިވަޑައިގެންނެވި ޝަރަފެއް ކަމަށެވެ.

”ކުރިއަށް އޮތް ފަސް އަހަރު ހުންނާނީ ރައީސް މުޢިއްޒުއާއިއެކު ސާބިތުކަމާއިއެކު.“ އަބާން ވިދާޅުވިއެވެ.

ރައީސް މުޢިއްޒުގެ ސަރުކާރުގައި ޒުވާނުންނަށް ފަހި ފުރުޞަތުތަކެއް ލިބިގެންދާނެ ކަމަށް އޭނާ ދެކެވަޑައިގަންނަވައެވެ. ރައީސް މުޢިއްޒުގެ ރިޔާސީ ކެމްޕެއިނުގައި ގިނަ މަސައްކަތްތަކެއް ކުރެއްވި އަބާން ވިދާޅުވި ގޮތުގައި، އޭނާއަށް ރައީީސް އޮފީހުގެ ޑެޕިއުޓީ އަންޑަރ ސެކްރެޓަރީގެ މަޤާމު ލިބުމަކީ އެކަމުގެ ހެއްކެކެވެ.

އަބާން ޕީއެންސީއާއި ގުޅިވަޑައިގަތީ، އިތުރު 100 މީހުންނާއިއެކުގައެވެ. އޭނާ އަކީ މަލަރެސް ނޫހުގެ ފައުންޑަރެވެ. އޭނާ އަކީ ކުޅަދާނަ ވާހަކަ ދެއްކުންތެރިއެކެވެ.

ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވައި ކުރެއްވުމަށްފަހު، ރައީސް މުޢިއްޒު ވަނީ ޒުވާނުންނަށް އުއްމީދީ މެސެޖެއް ދެއްވައިފައެވެ. އެމަނިކުފާނު ވަނީ ޒުވާނުންނަކީ ޤައުމު ހިންގުމުގެ އިންޖީނު ކަމަށާއި، ޤައުމު ދެމިއޮތުމުގެ ހަކަތަ ކަމުގައި ވިދާޅުވެފައެވެ.

”ޒުވާނުންނާއި ކަނބަލުންނަށް، އާމްދަނީ ލިބޭނެ މަގުތައް ތަނަވަސްކޮށްދޭނަން. ސިޔާސީގޮތުން ބާރުވެރި ކުރުވާނަން. ޒުވާނުންގެ ހުނަރުވެރި އާ އީޖާދުތަކާއި އުފެއްދުންތަކުން ވިޔަފާރިކުރުމަށް، ޒަމާނީ ޓެކްނޯލޮޖީ މެދުވެރިކޮށް ދުނިޔެއާ ގުޅުވައިލާނަން.“ ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވަނީ ދިވެހި ޒުވާނުންނަކީ، ކްރިއޭޓަރ އިކޮނޮމީގެ މަހުޖަނުން ކަމުގައި ހަދައިދެއްވާނެ ކަމަށް ވެސް ވިދާޅުވެފައެވެ.