އިޒްރޭލު މީހުން ރާއްޖެ އެތެރެވުން މަނާކުރުމަށް އިމިގްރޭޝަން ޤާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ.
މި އިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ނޮޅިވަރަމް ދާއިރާގެ މެންބަރު މުޙައްމަދު ނަޝީދު(މޮސްޓާ) އެވެ. އޭނާ ހުށަހެޅި ބިލުގައި ރާއްޖެ އެތެރެވުން މަނާ މީހުންގެ ގޮތުގައި އިމިގްރޭޝަން ޤާނޫނުގައި ބަޔާން ކުރާ މާއްދާގެ ފަހަތަށް އަކުރެއް އިތުރުކޮށްފައިވެއެވެ.
ބިލު ހުށަހެޅުއްވި ސަބަބެއް ކަމަށް ފާހަގަކުރައްވައިފައި ވަނީ، އިޒްރޭލުން ފަލަސްޠީނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢަމަލުތަކާއި ޤަތުލުއާންމުގައި އެތައް ކުޑަކުދިންނާއި އަންްހެނުން ޝަހީދުވަމުންދާތީ، އިޒްރޭލުގެ ޢަމަލުތައް ހުއްޓުވުމަށް ދަތި ކުރުމުގެ ފިޔަވަޅުތައް އެޅުމަށެވެ. އަދި ހަމަލާތަކުގައި ޣައްޒާގެ އަސާސީ ހިދުމަތްތައް ހުއްޓުވައި ހޮސްޕިޓަލްތަކާއި، ސްކޫލުތަކާއި، ރެފިއުޖީ ކޭމްޕްތަކަށް ހަމަލާދީ ލާއިންސާނީ ޖަރީމާތައް ހިންގަމުންދާތީ ކަމަށް ވެސް ބުނެފައިވެއެވެ.
އެހެންވެ އިޒްރޭލުން އެ ޢަމަލުކޮށް ކުށްވެރިކޮށް، އެއްވެސް ގޮތަކުން އިޒްރޭލަށް އެހީއަކަށް ވެދާނެ އެންމެހައި ކަންކަން ހުއްޓުވުމަށްޓަކައި، އަރަބި އެކި ޤައުމުތަކުންނާއި ރާއްޖެ ވެސް ހިމެނޭ، އޯއައިސީ ޤައުމުތަކުން އިޒްރޭލު ޕާސްޕޯޓު މަނާކުރުމަށް އެކި ފިޔަވަޅުތައް އަޅާފައިވާތީ، ރާއްޖެއިން ވެސް ނަމޫނާ ދައްކައި، އިޒްރޭލު ރައްޔިތުން ރާއްޖެއަށް އެތެރެވިޔަ ނުދިނުމަށް އިސްލާހު ހުށަހެޅީ ކަމަށް މޮސްޓާ ވިދާޅުވިއެވެ.
އިޒްރޭލު މީހުން ރާއްޖެ އައުން ހުއްޓުވަން ގޮވާލައި މިދިޔަ މަހުގެ ތެރޭގައި މަޖިލީހަށް ޤަރާރެއް ވެސް ހުށަހެޅިއެވެ. އެ ޤަރާރު ހުށަހެޅުއްވީ ވިލިގިނލީ ދާއިރާގެ މެންބަރު ސަޢުދު ޙުސައިނެވެ.
