ޕީޕީއެމްގެ ރައީސް، ރައީީސް ޔާމީން ޢަބްދުލްޤައްޔޫމް އެ ޕާޓީ ހިންގެވުމަށް، ވަކި ބޭފުޅުންތަކެއް ހިމަނުއްވައި، ކޮމެޓީއެއް އުފައްދަވައިފިއެވެ.

މި ކޮމެޓީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ކުރީގެ ޔޫތު މިނިސްޓަރު މުޙައްމަދު ޖަމީލު އަޙުމަދު ފުރަތަމަވެސް ވިދާޅުވީ އެ ބޭފުޅުން ނޫސްވެރިންގެ ބައްދަލުވުން ބާއްވަނީ ރައީސް ޔާމީންގެ ފަރާާތްޕުޅުން ޚާއްޞަ މެސެޖުތަކެއް ދެއްވުމަށް ކަމަށާއި، ޕީޕީއެމްގެ އާއްމު މެމްބަރުންނަށް އެ ޕާޓީއާއި ގުޅުމަށްޓަކައި ދަތިތަކެއް އެބަހުރި ކަމަށެވެ.

”ޕީޕީއެމް/ޕީއެންސީގެ ލީޑަރަކީ ރައީސް ޔާމީން. ރައީސް ޔާމީންގެ ސީދާ ލަފަޔާއި މަޝްވަރާގެ މަތިން ޕީޕީއެމް/ޕީއެންސީގެ ހުރިހައި ހަރަކާތްތަކެއް ކުރިއަށް ގެންދާނީ.“ މަލީހު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޕީޕީއެމް/ޕީއެންސީގެ މެމްބަރުންގެ މެދުގައި ”ބައިބައިވުން އޮތްކަމަށް ދައްކަން“ ދުޝްމަނުން މަސައްކަތް ަކުރަމުންދިޔަސް، ދެ ޕާޓީގެ މެމްބަރުން އެކަތިގަނޑެއްގެ ގޮތުގައި އޮތުމަށް އެދޭ ކަމަށެވެ.

ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީގެ މެމްބަރުން އިތުރު  ކުރުމުގެ މަސައްކަތް ހަލުވި މިނުގައި ކުރިއަށްދާއިރު، މަލީހު ވިދާޅުވީ ”ޕީޕީއެމްގެ މެމްބަރޝިޕް ޑްރައިވް“ގެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ. އަދި ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ކާމިޔާބު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ރޭ ޕީޕީއެމްގެ އޮފީހުގައި ކުއްލި ގޮތަކަށް ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފައިވާއިރު، މި ބައްދަލުވުން ޕާޓީގެ ލީޑަރޝިޕްގެ އެއްވެސް ބޭފުޅަކު ނުފެނެއެވެ. ދެ ތިން ބޭފުޅަކު ފިޔަވައި، އާއްމުން ދަންނަ މޫނުތަކެއް ވެސް އެ ބައްދަލުވުމުން ނުފެނެވެ.

ރައީސް ޔާމީންގެ އިރުޝާދަށް ރޭ 13 މެމްބަރަކު މި ނޫޫސްވެރިންގެ ބައްދަލުވުން ބޭއްވި މައްސަލައެއް ހޫނުވެ، ޕީއެންސީގެ ސެނެޓް މެމްބަރުންތަކެއް ރުޅިގަދަވެ، މަލީހުއާއި ދެކޮޅަށް އަޑު އުފުއްލަވަން ފެއްޓެވުމުން ސެނެޓް މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕުން އޭނާ ވަނީ ބޭރުކޮށްފައެވެ.

މި ވާހަކަތައް މީޑިއާއަށް ތިލަވެ، ޕީޕީއެމް/ޕީއެންސީގެ ބަދަހި ކޯލިޝަންގައި ރެނދުލައިފައިވާ ކަމަށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ބުނަމުންނެވެ.