ޕީޕީއެމްގެ ތެރެއިން، އެ ޕާޓީގެ ރައީސް، ރައީސް ޔާމީން އެކުލަަވައިލެއްވި 13 މެމްބަރުންގެ ސްޓިއަރިން ކޮމިޓީގައި އިސްކޮށް ހުންނަވާ، ކުރީގެ ޔޫތު މިނިސްޓަރު މަލީހު ޖަމާލް، ޕީޕީއެމްގެ ހަރަކާތްތަކުން ސަސްޕެންޑް ކޮށްފިއެވެ.
ޕީޕީއެމްއިން ރޭ ވަނީ، ޕާޓީގެ ލީޑަރޝިޕް ނުލައި، ކުއްލި ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފައެވެ. ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ބައިިވެރިވި މެމްބަރުންގެ ތެރޭގައި މަލީހްއާއި، ކުރީގެ ކަސްޓަމްސް ކޮމިޝަނާ ޖެނެރަލް އައްބާސް އާދިލް ރިޒާގެ އިތުރުން އެ ޕާޓީގެ ސެެނެޓުގެ ބައެއް މެމްބަރުން ހިމެނެއެވެ.
މަލީހު ރޭ ވިދާޅުވީ މިއީ ޕީޕީއެމް އާ ޒަމާނަކަށް ގެންދިއުމުގެ މަސައްކަތް ފަށައިގަތުމަށް ކުރާ ކަމެއް ކަމަށެވެ. އަދި ބައްދަލުވުން ބާއްވަނީ ރައީސް ޔާމީންގެ ފަރާތްޕުޅުން މެސެޖުތަކެއް ދިނުމަށް ކަމަށެވެ.
މި ޕްރެސް ކޮންފަރެންސް ބޭއްވި މައްސަލަ ހޫނުވެ، ޕީޕީއެމްގެ ނައިބު ރައީސް އަދި މިހާރުގެ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫނާއި ފިޝަރީޒް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަޙްމަދު ޝިޔާމް ސޮއި ކުރައްވައި މަލީހަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވެފައިވަނީ އެ ޕާޓީގެ ސެނަޓަރެއްގެ މަޤާމުގައި ހުންނަވައި މަލީހް، ޕާޓީ ބަދުނާމުކޮށް، ޕާޓީ ބައިބައި ކުރަން މަސައްކަތް ކުރާކަން ލީޑާޝިޕަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.
”ޕާޓީގެ ލީޑާޝިޕަށް ނުވަތަ ޕާޓީގެ ސެނެޓަށް އެނގުމެއް ނެތި، އަމިއްލަފުޅަށް ކޮމެޓީތައް އުފައްދަވައި، ޕާޓީގެ އަސާސީ ގަވާއިދާ ހިލާފަށް ޕާޓީގެ ލީޑާޝިޕް ނުވަތަ ޕާޓީގެ ސެނެޓްގެ އެއްވެސް މަޝްވަރާއެއް ހޯދުމެއް ނެތި ޕާޓީގެ ނަމުގައި ޕްރެސް ކޮންފަރެންސްއެއް ބާއްވައި އެ ޕްރެސް ކޮންފަރެންސް ލީޑް ކުރައްވައި އަދި ޕާޓީގެ އަސާސްތަކާ ހިލާފަށް ޕާޓީ ބަދުނާމު ކޮށް، ޕާޓީ ބައިބައި ކުރުމުގެ މަސައްކަތްތަކެއް މަނިކުފާން ވަނީ ކުރައްވައިފަ،“ ސިޓީގައިވެއެވެ.
އިތުރަށް ސިޓީގައި ވަނީ އެކަންކަން މަލީހު ކުރައްވައިފައިވާ ކަމަށް ލީޑާޝިޕަށް ޤަބޫލު ކުރެވޭތީ ޕާޓީގެ ހަރަކާތްތަކުން މަލީހް ސަސްޕެންޑްކޮށް، އޭނާގެ މައްސަލަ ސުލޫކީ ކޮމެޓީއަށް ފޮނުވާފައިވާ ކަމަށެވެ.
”މިވަގުތުން ފެށިގެން ޕާޓީގެ ސުލޫކީ ކޮމެޓީން ގޮތެއް ނިންމަންދެއް ޕާޓީގެ އެއްވެސް ހަރަކާތެއްގައި މަނިކުފާނު އެއްވެސް ގޮތަކަށް ބައިވެރިވެގެން ނުވާނެކަން ވެސް އެންގީމެވެ.“ ސިޓީގައި ވެއެވެ.
ޕީޕީއެމް/ޕީއެންސީގެ ތެރޭގައި ކޯޅުމެއް އުފެދިފައިވާ ކަމަށް ފެންނައިރު، ރައީީސް ޑރ.މުޙައްމަދު މުޢިއްޒު ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ ހުވައި ކުރެއްވިތާ ހަފްތާއެއް އަދި ނުވެއެވެ. އެމަނިކުފާނު ހުވައި ކުރެއްވީ މިދިޔަ ހުކުރު ދުވަހުއެވެ.
