ސަރުކާރު ހިންގާ ޕާޓީގެ ހައިސިއްޔަތުން ރައްޔިތުންގެ މަޖިލީހުގައި ތަމްސީލު ކުރާނީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ކަމަށް މިއަދު އިއުލާންކޮށްފިއެވެ.

އެ ޕާޓީގެ ޕާލަމެންޓަރީ ގުރޫޕުގެ ލީޑަރަކަށް އައްޔަންކުރީ ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، މަޖިލީހުގައި ސަރުކާރު ނިސްބަތްވާ ޕާޓީ ތަމްސީލު ކުރައްވާނެ ޕީޖީ ލީޑަރަކަށް ފަޒުލް ހަމަޖައްސާފައިވާކަން އެ ޕާޓީން އަންގާފައިވާ ކަމަށެވެ.

ރައީސް ޑރ. މުއިއްޒުގެ ސަރުކާރުގެ މަގާމުތަކަށް ވަޒީފާތަކަށް ވަޑައިގަތުމަށް ބައެއް މެންބަރުން އިސްތިއުފާ ދެއްވުމާ ގުޅިގެން ޕީއެންސީގައި މިހާރު ތިއްބެވީ މަޖިލީހުގެ ދެ މެންބަރެކެވެ. އެއީ ފަޒުލްގެ އިތުރުންގެ އިތުރުން ދާދި ފަހުން ޕީއެންސީއާ ގުޅިވަޑައިގަތް ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމެވެ.

ރައްޔިތުންގެ މަޖިލީހުގެ ދަފުތަރު މިހާރު އޮތް ގޮތަށް ބަލާ އިރު އެމްޑީޕީގެ 56 މެންބަރުން، ޑިމޮކްރެޓްސްގެ 13 މެންބަރުން، ޕީޕީއެމްގެ ދެ މެންބަރުން، ޕީއެންސީގެ ދެ މެންބަރުން، އެމްޑީއޭގެ ދެ މެންބަރުން، ޖޭޕީގެ ދެ މެންބަރުން އަދި މިނިވަން ހަތަރު މެމްބަރުން ހިމެނެއެވެ.