އައްޑޫން 500 އެއްހާ މީހުން ވެރިކަން ކުރާ މައި ޕާޓީ، ޕީއެންސީއާ ގުޅިއްޖެއެވެ.

އެ ޕާޓީން ބުނީ އައްޑޫން ޕާޓީއާ ގުޅުނު މީހުންގެ ތެރޭގައި ގިނައީ ޒުވާނުން ކަމަށާއި އޭގެ ތެރެއިން ގިނަ މީހުންނަކީ ހިތަދޫ އުތުރު ދާއިރާ އަށް ނިސްބަތްވާ މީހުން ކަމަށެވެ.

ޕީއެންސީގެ ޓިކެޓްގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުނު ހިސާބުން ފެށިގެން އެ ޕާޓީ އަށް މެންބަރުން އިތުރުކުރުމުގެ މަސައްކަތް ވަރަށް ބާރަށް އަންނަނީ ކުރަމުންނެވެ. އެ ޕާޓީގެ އަމާޒަކީ ވީހާ ވެސް އަވަހަކަށް މެންބަރުންގެ އަދަދު 10،000 އަށް އެރުވުމެވެ.

ޕީއެންސީ އަށް އައްޑޫން އިތުރު 500 މީހަކު ސޮއިކުރި އިރު، އެ ޕާޓޫއާ އަލަށް ގުޅުނު 950 މެމްބަރުންގެ ފޯމު ލިބިފައިވާ ކަމަށް ޕީއެންސީންބުނެފައިއެވެ. އޭގެ ތެރޭގައި ތ. ކިނބިދޫ އިން ޕީއެންސީއާ ގުޅުނު 150 މީހުންނާއި ގދ. ތިނަދޫން ގުޅުނު 200 މީހަކު ވެސް ހިމެނެއެވެ.

ޕީއެންސީ އަށް ދާދި ފަހުން ލ. އަތޮޅުން ވެސް 600 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފައިވެއެވެ.