ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ބަންޑާރަ ނައިބު އަޙްމަދު އުޝާމް މިއަދު ޢައްޔަނުކުރައްވައިފިއެވެ.
އުޝާމް މި މަޤާމަށް ޢައްޔަނުކުރައްވާފައި ވަނީ މިކަމަށްޓަކައި މިއަދު މެންދުރު ރައީސް އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ.
އުޝާމް، ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަނުކުރެއްވީ ޤާނޫނުއަސާސީގެ 158 ވަނަ މާއްދާގެ (ވ) އާއި، ޤާނޫނު ނަންބަރު 10/2008 (ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނު) ގެ 3 ވަނަ މާއްދާގެ 9 ވަނަ ނަންބަރުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ބަންޑާރަނައިބުގެ ހައިސިއްޔަތުންނެވެ. ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމަށް ޢައްޔަން ކުރެއްވުމުގެ ކުރިން އަލްއުސްތާޛު އަޙްމަދު އުޝާމް، ވަނީ ޖުޑީޝަލް ސަރވިސް ކޮމިޝަންގެ މެންބަރުކަމުގެ ހުވައި، ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރައްވާފައެވެ.
ހުވައި ލައިދެއްވީ، ސުޕްރީމް ކޯޓުގެ ފަނޑިޔާރު، ޢައިޝާ ޝުޖޫން މުޙައްމަދެވެ.
ރައީސް މުޢިއްޒު ވަނީ ޖޭއެސްސީގެ މެންބަރުކަމަށް ރ. އިނގުރައިދޫ ހިތްވަރު، މުޙައްމަދު ސަމީރު ވެސް މިއަދު އައްޔަނު ކުރައްވައިފައެވެ.
