އައިޖީއެމްއެޗްގައި މަސައްކަތް ކުރި ޕިލިޕީންސްގެ އަންހެން ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރުގެ މައްސަލާގައި ހައްޔަރުކޮށްފައިވާ ޅ. ހިންނަވަރު/މާފިނި ހަލީމަތު ލަމްހާ ޢަބްދުއްރަޙްމާން ބަންދުން ދޫކޮށްލައިފިއެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ލަމްހާ 180 ދުވަހަށް ބަންދުން ދޫކޮށްލީ ބައެއް ޝަރުތުތައް ކުރުމަށްފަހުއެވެ.

އެގޮތުން މާލެއިން ބޭރަށްދާނަމަ ކޯޓަށް އަންގައި, ކޯޓުން އަންގާ ވަގުތުތަކުގައި ކޯޓަށް ހާޒިރުވުމަށް ވަނީ ޝަރުތުކޮށްފައެވެ.

މީގެއިތުރުން ރޭގަނޑު 22:00 އިން ހެނދުނު 06:00 އާ ހަމައަށް ގެއިން ބޭރުގައި އުޅުން ވަނީ މަނާކޮށްފައެވެ.

މޭރީގެ މަރުގެ މައްސަލާގައި ލަމްހާގެ މައްޗަަށް ކުރަނީ އެނގި ހުރެ މީހަކު މެރުމުގައި ބައިވެރިވުމާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާ އާއި ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގައި ކުރުމުގެ ދައުވާއެވެ.

މި މައްސަލާގައި ހައްޔަރުކޮށް, އެނގިހުރެ މީހަކު މެރުމުގެ ދައުވާ އުފުލާފައި ހުރި މޭރީ ގްރޭސްގެ ފިރިމީހާ މާވިން އެސް ވައި ވާގަސްގެ ބަންދަށް ލުޔެއް ދެވެން ނެތް ކަމަށް ކޯޓުން މިއަދު ވަނީ ނިންމައިފައެވެ.