ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙަައްމަދު މުޢިއްޒަކީ މިއަދު ދިވެހިންގެ އެންމެ ބޮޑު އުއްމީދު ކަމަށާއި، އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދުފުޅުތަކަށް ފުރަގަސް ނުދެއްވާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ޝިޔާމް މިހެން ވިދާޅުވެފައިވަނީ އައު ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕީޕީއެމުން ވަކިވެ އައު ޕާޓީއެއް އުފެއްދެވުމުގެ މަސައްކަތް އެ ޕާޓީގެ ކުރީގެ ރައީސް ޔާމީން ފައްޓަވާފައިވާ ދަނޑިވަޅެއްގައި މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ޝިޔާމް ވިދާޅުވީ އިންތިޚާބީ ރައީސެއްގެ ގޮތުގައި ރައީސް މުޢިއްޒު ކުރީ ސަރުކާރަށް ކުރެއްވި ފުރަތަމަ އިލްތިމާސަކީ ރައީސް ޔާމީން ކުޑަމިނުން ގެކޮޅަށް ބަދަލު ކޮށްދެއްވުމަށް އެދިވަޑައިގެން ކުރެއްވި އިލްތިމާސް ކަމަށެވެ. އަދި ޖެހިގެން އައި ދުވަހު ރައީސް ޔާމީން ގެކޮޅަށް ބަދަލުކުރެވުނު ކަމަށް ވިދާޅުވިއެވެ.
އަދި ވެެރިކަން ބަދަލުވުމާއިއެކު ދިވެހިންނަށް ހިތްހަމަޖެހުމުގެ ނޭވާއެއްލެވުނު ކަމަށާއި ރައީސް މުޢިއްޒުގެ އާ ސަރުކާރުން ކުރައްވަން ހުރި ކަންކަން ލައްކަ ބައިވަރު ކަމަށް ޝިޔާމް ވިދާޅުވިއެވެ.
”އެހުރިހާ ވަޢުދުފުޅުތަކެއް އެހުރީ ބަހުން ބަހަށް އަދި އަކުރުން އަކުރަށް ދެލިކުރެވި 953 ގަނޑުގެ ބޯފޮތެއްގައި ޝާއިއު ކުރެވިފަ އެވެ. އެއީ ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުފުޅުތަކަށް ފުރަގަސް ނުދެއްވާނެ ކަމުގެ ދަލީލެކެވެ. ދެފުށް ފެންނަ ވެެރިކަމެއް ރައްޔިތުންނަށް ކޮށްދެއްވާނެ ކަމުގެ ޔަޤީން ކަމެކެވެ. ރައީސް ޑރ.މުއިއްޒަކީ މިއަދު ދިވެހީންގެ އެންމެބޮޑު އުންމީދެވެ،“ ޝިޔާމް ވިދާޅުވިއެވެ.
ރައީސް މުޢިއްޒުގެ ސަރުކާރަކީ ރައްޔިތުންގެ ވަރަށް ބުރަ މަސައްކަތްޕުޅުތަކެއްގެ ފޮނި ނަތީޖާ ކަމަށާއި ސަރުކާރު ގެނެވުނީ ރައްޔިތުން ފަސް އަހަރު މަގުމަތީ ވަރަށް ބޮޑެތި ޤުރުބާނީތަކެއް ވެގެން ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ރައީސް މުޢިއްޒު އާއެކު ރައްޔިތުންގެ ވަރަށްގިނަ އުއްމީދުތަކެއް އެބަހުރި އެ ކަންކަން ކުރައްވަން އެމަނިކުފާނަށް ވަގުތު ބޭނުންފުޅުވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
”ހުރިހާ ބޭފުޅުންގެ އެހީތެރިކަން ބޭނުންފުޅުވެ އެވެ. ޚާއްޞަކޮށް ޕީޕީއެމް-ޕީއެންސީގެ ލޮބުވެތި މެންބަރުންގެ އެއްބާރުލެއްވުމާ އެހީތެެރިކަން އިންތިހާއަށް ބޭނުންފުޅުވެއެވެ،“ ޝިޔާމް ވިދާޅުވިއެވެ.
ޝިޔާމްގެ އިތުރުން، ސަރުކާރުގެ އެކި މަޤާމުތަކުގައި ތިއްބެވި ބޭފުޅުން އަންނަނީ ރައީސް މުޢިއްޒުއާއި އެކުގައި ހުންނެވިކަން ހާމަކުރައްވަމުންނެވެ.
