ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލު އަޙުމަދު ޕީޕީއެމުން ވަކިވެވަޑައިގެންފިއެވެ.
ޖަމީލު ޕީޕީއެމްއިން ވަކިވެވަޑައިގެންފައިވާއިރު، ވެރިކަން ކުރާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނާއި ޚިޔާލުތަފާތުވުން އުފެދި ޕީޕީއެމްގެ ރައީސް، ރައީސް ޔާމީން ޢަބްދުލްޤައްޔޫމް ވެސް ވަނީ އެ ޕާޓީން ވަކިވެވަޑައިގެންފައެވެ.
ރަސް ޔާމީން އެ ޕާޓީން ވަކިވެވަޑައިގެން އެ މަނިކުފާނު އާ ސިޔާސީ ޕާޓީއެއް އުފައްދަވަން ނިންމާފައިވާކަން ހާމަކުރައްވާފައި ވަނީ ވެސް ޑރ. ޖަމީލެވެ. ރައީީސް ޔާމީން އުފައްދަވާ އައު ސިޔާސީ ޕާޓީގެ ނަމާއި ލޯގޯ ވެސް މިހާރު ވަނީ ފައިނަލް ކޮށްފައެވެ. އެ ޕާޓީ އުފެއްދުމުގެ ހުއްދައަށް އާދިއްތަ ދުވަހު، އިލެކްޝަންސް ކޮމިޝަނުގައި އެދޭނެއެވެ.
ޑރ.ޖަމީލު ވިދާޅުވީ ޕީޕީއެމާއި ދުރަށް ވަޑައިގަތުމަށް ރައީސް ޔާމީން ނިންމެވީ ފަސޭހަ ނިންމެވުމެއް ނޫން ކަމަށެވެ. އަދި ބަޔަކު މީހުން ވަނީ އެ ޕާޓީ ހިސާރު ކޮށްފައި ކަމަށް ވެސް ވިދާޅުވިއެވެ.
