ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް(ޕީޕީއެމް)ގެ ރައީސްކަމުގައި ހުންނެވުމަށްފަހު، އެ ޕާޓީން ވަކިވެވަޑައިގެންނެވި ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމް އަލަށް އުފައްދަވާ ޕާޓީއަށް ކިޔާ ނަމާއި، ލޯގޯއާއި ކުލަ އާއްމުކޮށްފިއެވެ.

ރައީސް ޔާމީންގެ އަލަށް އުފައްދަވާ ސިޔާސީ ޕާޓީއަށް ކިޔަނީ ”ޕީޕަލްސް ނޭޝަނަލް ފްރަންޓް“ (ޕީއެންއެފް)އެވެ.

މި ޕާޓީ އުފެއްދުމުގެ ހުއްދައަށް މާދަމާ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅުއްވާނެ ކަމަށް އެޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވާ ކުރީގެ ޓެކްނޮލަޖީ މިނިސްޓަރު މުޙައްމަދު މަލީހު ޖަމާލު ވަނީ ވިދާޅުވެފައެވެ.

މިރޭ ވަނީ ޕީއެންއެފްގެ މީސްމީޑިއާ އެކައުންޓްތައް ވެސް އިފްތިތާޙު ކޮށްފައެވެ. ރައީސް ޔާމީން ޕީޕީއެމް އިން ވަކިވެވަޑައިގަތުމާއި ގުޅޭގޮތުން އެމަނިކުފާނުގެ އިސް ވަކީލު ޑރ.މުޙައްމަދު ޖަމީލު އަޙުމަދު ވިދާޅުވީ، ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕުން އެމަނިކުފާނާއި އެއްވެސް މަޝްވަރާއެއް ނުކުރައްވާ ކަމަށެވެ. އަދި ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވެސް ރައީސް ޔާމީން ގުޅުއްވައި، މެސެޖު ކުރެއްވުމުން ވެސް ޖަވާބު ނުދެއްވާ ކަމަށް ވިދާޅުވިއެވެ.

މި ވާހަކަތައް ޕީއެންސީގެ ޗެއާޕާސަން އަދި ސްޕެޝަލް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް، ޢަބްދުއްރަޙީމް ދޮގު ކުރައްވައި ވިދާޅުވަނީ ގޭ ބަންދަށް ބަދަލު ކުރި ފަހުން، ރައީސް ޔާމީން ޢަބްދުއްރަޙީމަށް ގުޅުއްވައިފައިނުވާ ކަމަށެވެ.