ޕީޕީއެމްގެ ކުރީގެ ރައީސް، ރައީސް ޔާމީން އުފައްދަވާ އައު ސިޔާސީ ޕާޓީ, ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމަށް މުއައްސިސެއްގެ ގޮތުގައި، އެމަނިކުފާނުގެ ދަރިކަލުން ޒޭންގެ ނަންފުޅު ހުށަހަޅުއްވައިފިއެވެ.
ޕާޓީ އުފެއްދުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގައި އޮތް ބައްދަލުވުމަށްފަހު އެޕާޓީ އުފެއްދުމަށް އެންމެ އިސްކޮށް އުޅުއްވާ ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލު ވިދާޅުވީ މިއަދު ޕާޓީ އުފެއްދުމުގެ ހުއްދައަށް ޔާމީން އެދިވަޑައިގެންނެވީ 8 މުއައްސިސުންނާއި އެކު ކަމަށެވެ.
ނަމަވެސް ޤާނޫނުގައިވާ ގޮތުން، ޕާޓީ އުފެއްދުމަށް މުއައްސިސެއްގެ ގޮތުގައި ހުރެވޭނީ އެންމެ ބޭފުޅަކަށް ކަމުގައި ވާތީ، އެޕާޓީ އުފެއްދުމުގެ ހުއްދަ ދޫކުރުމަށް އެދުނީ ރައީސް ޔާމީންގެ ދަރިލުން ޒޭންގެ ނަމުގައި ކަމަށް މަލީހު ވިދާޅުވިއެވެ.
މަލީހު ވިދާޅުވީ ޑީޖޭއޭއިން ކުށުގެ ރެކޯޑު ސާފުވުމުން، ޕީއެންއެފް އުފެއްދުމުގެ ހުއްދައަށް އެދޭނެކަމަށާއި، ޕާޓީ އުފެއްދުމުގެ ހުއްދަ ލިބުމާއިއެކު އެންމެ އަވަހަށް ރާއްޖޭގައި އުފެއްދޭ ޕާޓީއަކަށް އެޕާޓީ ވެގެންދާނެކަމަށެވެ.
އަދި ޕާޓީގެ މެމްބަރުންގެ އަދަދު ވަރަަށް ބޮޑަށް އިތުރު ކުރާނެ ކަމަށާއި، މާލޭގެ މޭޔަރު ކަމަށާއި، މަޖިލީހުގެ އިންތިޚާބުގައި ވެސް އެ ޕާޓީން ވާދަ ކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
