ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ އާއި ޕީޕަލްސް ނެޝަނަލް ކޮންގްރެސް އެކުގައި ވާދަކުރުމަށް މަޝްވަރާކޮށްފިއެވެ.

މިކަން ހާމަކޮށް ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު ޢަލީ ޞާލިޙް މީޑިއާތަކަށް ރޭ ވިދާޅުވެފައިވަނީ އެޕާޓީގެ ކައުންސިލުގެ 161 ވަނަ ބައްދަލުވުމުގައި ނިންމި ނިންމުމާއެކު އަންނަ މަޖިލިސް އިންތިޚާބާއި ގުޅޭގޮތުން ޕީއެންސީއާއެކު 25 ނޮވެމްބަރު 2023 ގައި ބައްދަލުވުމެއް ބޭއްވިފައިވާ ކަމަށެވެ.

ޖޭޕީ ކައުންސިލުން ނަގާފައިވާ ކޮމިޓީގެ ބޭފުޅުންނާއި، ޕީއެންސީގެ ބޭފުޅުން ވަނީ ބައްދަލުކުރައްވާފައި ކަމަށާއި މި ބައްދަލުކުރެއްވުމުގައި ރައީސް ޑރ މުޙައްމަދު މުޢިއްޒު ބައިވެރިވެވަޑައިގެންނެވި ކަމަށް ވެސް ޢަލީ ވިދާޅުވިއެވެ.

ނަމަވެސް ބައްދަލުމުގެ ތަފްސީލް އެ ދެ ޕާޓީން ވެސް ހާމައެއް ނުކުރެއެވެ.

ޕީޕީއެމް/ޕީއެންސީގެ ސެނެޓު ބައްދަލުވުމެއް އިއްޔެ ބާއްވައިފައިވާއިރު، އެ ބައްދަލުވުމުގައި ވަނީ ދެ ޕާޓީން އެކުގައި މަޖިލިސް އިންތިޚާބުގައި ވާދަ ކުރަން ނިންމައިފައެވެ.