މަންމައަށް އިންޒާރު ދިން މީހަކު ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ.
ކްރިމިނަލް ކޯޓުގެ އަމުރާއެކު އަމިއްލަ މަންމައަށް މަރުގެ އިންޒާރު ދިން މައްސަލައިގައި ހައްޔަރުކޮށްފައިވަނީ މ. ސަންމާމުގެ، އަޙުމަދު ސިޔާދުއެވެ. އޭނާ އަކީ އުމުރުން 41 އަހަރުގެ މީހެކެވެ.
އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރުމުން އެ ކޯޓުން ވަނީ އޭނާގެ ބަންދަށް 15 ދުވަސް ޖަހައިފައެވެ.
ކޯޓު އަމުރުގައި ބުނާގޮތުން އޭނާ ވަނީ އޭނާގެ މަންމައަށް އަދި އެއްބަނޑު އެއްބަފާ ކޮއްކޮގެ ފިރިމީހާއަށް މަރުގެ އިންޒާރު ދީފައެވެ. އަދި ބަންދުން އޭނާ ދޫކޮށްލައިފިނަމަ ހެއްކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮތް ކަމަށްވެސް ބުނެފައިވެއެވެ.
އެ މައްސަލައިގެ ހެކީގެ ގޮތުގައި މައްސަލަ ހުށަހެޅި ފަރާތުގެ ބަޔާނާއި ހެކިންގެ ބަޔާނާއި، ކުށުގެ މާހައުލަށް ދިޔަ ފުލުހުންގެ ހެކިބަސް ނަގާފައިވާ ކަމަށް ވެސް ކޯޓު އަމުރުގައިވެއެވެ.
މި މައްސަލައިގައި ހައްޔަރު ކޮށްފައި ވަނީ ކުށުގެ ރެކޯޑު އޮންނަ މީހެކެވެ.
