ގއ. ދާންދޫ ކައުންސިލަށް ދިމާވެފައިވާ ގޮންޖެހުންތައް ޙައްލުކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވައިފިއެވެ.

މި މަޝްވަރާ ކުރިއަށް ގެންދަވައިފައި ވަނީ  ކައުންސިލާއި، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، ޢާންމު މަސައްކަތްތަކާ ބެހޭ މިނިސްޓަރު އާދަމް ޝަރީފް އުމަރާއި، އެ ރަށު ކައުންސިލަރުން ބައްދަލު ކުރައްވައެވެ.

މި ބައްދަލުވުމާއި ގުޅޭ ގޮތުން، މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ، ދާންދޫ ކައުންސިލް ބާރުވެރި ކުރުވުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށެވެ.

އަދި ކައުންސިލްގެ މަސައްކަތްތަކަށް ކުރިމަތިވާ ގޮންޖެހުންތަކާއި ގުޅޭގޮތުންވެސް ޚިޔާލު ބަދަލުކޮށްފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ ދާންދޫ ކައުންސިލްގެ ގިނަ މެންބަރުން މިއަދުގެ ބައްދަލުވުމުގައި ވަނީ ސަރުކާރު ހިންގާ ޕީއެންސީއާއި ގުޅިވަޑައިގެންފައި ކަމަށެވެ.

 

 

މިނިސްޓަރު އާދަމް ޝަރީފު ވަނީ ކައުންސިލުތަކާއި ބައްދަލުކުރައްވައި، ކައުންސިލުތަކުގެ ކަންބޮޑުވުން އަޑު އެއްސެވުމުގެ މަސައްކަތް ފައްޓަވައިފައެވެ.

ދާންދޫ ކައުންސިލުގެ ގިނަ މެމްބަރުން، ޕީއެންސީއާއި ގުޅިވަޑައިގެންފައިވާއިރު، މިކަމުން ހާމަކޮށްދެނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަން ދެމެހެއްޓުމަށް ކައުންސިލްތަކުގެ އެއްބާރުލުން ލިބޭނެ ކަމުގެ ޔަޤީންކަން ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.