މާލެ ސިޓީގެ މޭޔަރުގެ މަޤާމު ހުސްވެފައިވާތި އެ މަޤާމަށް ބޭފުޅަކު އިންތިޚާބުކުރަން ބާއްވަން ހަމަޖެހިފައިވާ ބައި-އިލެކްޝަން ޖެނުއަރީ މަހުގެ 13 ވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.
އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނީ އެ ބައި-އިލެކްޝަން ވާދަކުރަން ބޭނުންވާ ފަރާތްތަކަށް މާދަމާ ފުރުޞަތު ހުޅުވައިލާނެ ކަމަށާއި، ކެންޑިޑޭސީ ހުށަހެޅުމުގެ އެންމެ ފަހު ސުންގަޑި އަކީ އަންނަ މަހުގެ 13 ވަނަ ދުވަސް ކަމަށެވެ.
މާލޭގެ މޭޔަރުކަމުގެ މަޤާމު ހުސްވީ އެ މަޤާމުގައި ހުންނެވި ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ އިންތިޚާބުގައި ވާދަކުރައްވައި، ކާމިޔާބު ކުރެއްވުމާ ގުޅިގެންނެވެ. އެމަނިކުފާނު ރައީސްކަމުގެ ހުވައި ކުރެއްވީ މި މަހުގެ 17 ގައެވެ.
މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަން ނިންމަވާފައިވާ ބޭފުޅުންގެ ތެރޭގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙުގެ ސަރުކާރުގެ ޔޫތު މިނިސްޓަރު އަޙުމަދު މަހުލޫފާއި ކުރީގެ އެޓާނީ ޖެނެރަލް އާޒިމާ ޝަކޫރާއި ކުރީގެ ޕޮލިސް ކޮމިޝަނަރު ޙުސައިން ވަހީދުގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ މެންބަރެއްގެ ގޮތުގައި ހުންނެވި ސައިފު ފާތިހު ހިމެނެއެވެ.
އީސީން ބުނީ މޭޔަރު ޖެނުއަރީ 13 ގައި އިންތިހާބު ކުރުމަށް ފަހު، ބައި-އިލެކްޝަންގެ ރަސްމީ ނަތީޖާ އެ މަހުގެ 15 ގައި އިއުލާން ކުރާނެ ކަމަށެވެ.
