1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިންވަނަ ދުވަހު، ރާއްޖެއަށް ދިން އުދުވާނީ ހަމަލާ ރާވައި ހިންގި އިސް މޭސްތިރިޔާ ހ. ހާޖަރާގޭ ޢަބްދުﷲ ލުތުފީ މިއަދު މިނިވަންވެއްޖެއެވެ.
1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ވަނަ ދުވަހު ހިނގި ހާދިސާއާއި ގުޅިގެން އޭނާގެ މައްޗަށް ކުރި ޙުކުމް މިއަހަރުގެ އޭޕްރިލް މަހަށް ހަމަވިއިރު، އޭނާ ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމުން ފިލި މައްސަލައިގެ ހުކުމް މިއަދު ވަނީ ހަމަވެފައެވެ. މިއާއެކު މިހާރު އެއްކޮށް މިނިވަންވީއެވެ.
ލުޠުފީއަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ތިން ވަނަ ދުވަހު ސްރީލަންކާގެ ޓެރަރިސްޓް ޖަމާއަތެއްކަމަށްވާ ޕީޕަލްސް ލިބަރޭޝަން އޮފް ޓެމިލް އީލާމް (ޕްލޯޓް) ނަމަކަށްކިޔާ ޖަމާޢަތެއްގެ ހަނގުރާމަވެރިން ގޮވައިގެން މާލެ އަރައި ރާއްޖެއަށް އުދުވާނީ ހަމަލާދިން އިރު އެންމެ އިސްކޮށް ހުރި ފަރާތެވެ.
އެ މައްސަލައިގައި އޭނާ މަރަން ހުކުމް ކުރި ނަމަވެސް، އެ މައްސަލައިގައި މަރަން ޙުކުމް ކުރި މީހުންގެ އަދަބު ލުއިކޮށްދޭން ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ދެއްވި ލުއިތަކާއެކު އޭނާގެ ޙުކުމް ވަނީ އުމުރު ދުވަހުގެ ޙުކުމަކަށް ބަދަލުކޮށްފައެވެ.
