ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ތުރުކީގެ ރައީސް ރަޖަބު ޠައްޔިބު އުރުދުޣާން އާއި ބައްދަލުކުރައްވައިފިއެވެ.

ރައީސް އޮފީހުން މި ބައްދަލުވުމުގެ ތަފްޞީލެއް ނުދެއެވެ. ރައީސް މުޢިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދު ތުރުކީއަށް ރަސްމީ ދަތުރުފުޅެއް ފައްޓަވައިފައި ވަނީ، އެ ޤައުމުގެ ރައީސްގެ ދަޢުވަތަކަށެވެ.

ރައީސްގެ މި ދަތުރުފުޅާއި ގުޅޭގޮތުން ރައީސް އޮފީހުން ކުރިން ބުނީ، ރައީސްގެ މި ދަތުރުފުޅުގައި، ތުރުކީގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާންއާއި، ތުރުކީ ސަރުކާރުގެ އިސް އޮފިޝަލުންނާ ބައްދަލުކުރައްވައި، ދެޤައުމުން އިސްކަންދޭ މުހިންމު ދާއިރާތަކުން އެއްބާރުލުން އިތުރުކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުންނާއި، ދެޤައުމުގެ ދޭދޭ ގުޅުން އިތުރަށް ބަދަހި ކުރެވިދާނެ ގޮތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ދަތުރުފުޅުގެ ތެރެއިން، ފަސްޓްލޭޑީ ސާޖިދާ އަޙުމަދު ވަނީ ތުރުކީގެ ފަސްޓްލޭޑީ އެމިން އުރުދުޣާންއާއި ބައްދަލުކުރައްވައިފައެވެ.

މި ރަސްމީ ދަތުރުފުޅަށް ފަހު ރައީސުލްޖުމްހޫރިއްޔާ އެނބުރި ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ، 30 ނޮވެމްބަރު 2023ގައި ޔުނައިޓެޑް އެރެބް އެމިރެޓްސް (ޔޫ.އޭ.އީ)ގައި ބޭއްވުމަށް ހަމަޖެހިފައިވާ ޔުނައިޓެޑް ނޭޝަންސް ކްލައިމެޓް ޗޭންޖް ކޮންފަރެންސް (ކޮޕް-28) ގައި ބައިވެރިވެވަޑައިގަތުމަށް ފަހުގައެވެ.