އިޒްރޭލުގެ ޔަހޫދީން ފަލަސްޠީނުގެ ޣައްޒާއަށް ދެމުން އަންނަ ލާއިންސާނީ ހަމަލާތައް އިތުރު ދެ ދުވަހަށް މެދުކަނޑައިލަން އެއްބަސްވެއްޖެއެވެ.
އަލްޖަޒީރާ ނޫހުން ބުނީ، ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތް ކުރާ ހަމާސް ޖަމާޢަތާއި، ޔަހޫދީންނާއި ދެމެދު، ދެމުން އަންނަ ހަމަލާތައް މެދުކަނޑައިލައިފައިވާ މުއްދަތު އިތުރު ކުރީ، ހަމަލާތައް ހުއްޓައިލަން ކުރިން އެއްބަސްވި ހަތަރު ދުވަހުގެ ވަގުތަށް ނިމުން ކައިރިވެފައިވަނިކޮށް ކަމަށެވެ.
ހަމަލާތައް ހުއްޓައިލުމަށް ބާރު އަޅައި، އެކަމުގެ މަޝްވަރާތަކުގައި އުޅެނީ ޤަތަރާއި، އެމެރިކާގެ އިތުރުން މިސްރެވެ.
ހަމަލާތައް ހުއްޓައިލައިފައި އޮތް ހަތަރު ދުވަހު، ހަމާސް އިން ވަނީ އިޒްރޭލުގެ 50 އަސީރުން މިނިވަން ކޮށްފައެވެ. ބަދަލުގައި ޔަހޫދީންގެ ޖަލުތަކުގައި ތިބި 150 ފަލަސްޠީނުގެ ރައްޔިތުން މިނިވަންކޮށް، ޣައްޒާ އަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފުރުޞަތު ދީފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.
ހަމާސް އިން ދިން ހަމަލާތަކެއްގެ ރައްދުގައި ޔަހޫދީން ޣައްޒާއަށް ހަމަލާ ދޭން ފެށީ މިދިޔަ އޮކްޓޯބަރު މަހުގެ 07 ވަނަ ދުވަހުއެވެ. މި ހަނގުރާމައަށް މަސް ދުވަސްވީއިރު، ފަލަސްޠީނުގެ 14000އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.
