ރައްޔިތުންގެ މަޖިލީހުގެ އަލިފުށީ ދާއިރާގެ މެމްބަރު މުޙައްމަދު ރަޝީދު ހުސެއިން (ބިގޭ) ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު ކަމަށް ކަނޑައަޅައިފިއެވެ.
މިކަން އިޢުލާނު ކޮށްފައި ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީޙުގެ ރައީސް މުޙައްމަދު އަސްލަމްއެވެ.
މީގެކުރިން މަޖިލީހުގެ މެޖޯރިޓީ ލީޑަރުގެ މަޤާމުގައި ހުންނެވީ ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމްއެވެ.
އަސްލަމް މަޖިލީހުގެ ރައީސްގެ މަޤާމަށް އައްޔަން ކުރުމާއި ގުޅިގެން އެމްޑީޕީގެ ޕީޖީ ގުރޫޕުގެ ބައްދަލުވެއްގައި، މުޙައްމަދު ރަޝީދު އެމްޑީޕީގެ ޕީޖީ ލީޑަރުގެ މަޤާމަށް އައްޔަން ކުރުމާއިއެކު އޭނާ އަށް ވަނީ މަޖިލީހުގެ މެޖޯރިޓީ ލީޑަރުކަން ލިބިފައެވެ.
