މަސްތުވާތަކެތީގެ މައްސަލައެއްގައި ހިމެނޭ މީހަކު ހައްޔަރު ކުރަން އުޅުމުގެ ތެރޭގައި ފުލުހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ބުނީ ރޭ 8:19 ހާއިރު، ޖަނަވަރީ މަގުން ފުލުހުން ޕެޓްރޯލް ކުރަމުން ދިޔައިރު މަސްތުވާތަކެތި ގެންގުޅުނު ކަމަށް ތުހުމަތު ކުރެވުނު މީހަކު ހުއްޓުވަން މަސައްކަތްކޮށްފައިވާ ކަމަށެވެ. އަދި އޭނާ ހުއްޓުވަން އުޅުމުގެ ތެރޭ ފުލުހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.

އެ މައްސަލާއާ ގުޅިގެން 37 އަހަރުގެ ދިވެހި ފިރިހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުންގެ މީހާއަށް ލިބުނީ ކޮން އަނިޔާއެއް ކަމެއް އަދި ހައްޔަރުކުރި މީހާގެ އަތުން މަސްތުވާތަކެތި ފެނުނު ކަން ސާފުވެފައެއް ނުވެއެވެ. ފުލުހުން އިތުރަށް ބުނީ އެ މައްސަލަ ފުލުުހން ދަނީ ތަހުގީގު ކުރަމުންދާ ކަމަށެވެ.

މިކަން ހިނގައި ދިޔަގޮތް ސާފެއް ނޫނެވެ.  ސޯޝަލް މީޑިއާގައި އޭނާ ހައްޔަރުކޮށްގެން ގެންދާ ވީޑިއޯއެއް ވަނީ އާންމުވެފައެވެ.