ތުރުކީ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ކާމިޔާބު ވަރަށް ވެސް ކާމިޔާބު ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ތުރުކީގެ ރައީސް ރަޖަބް ޠައްޔިބު އުރުދުޣާންގެ ދައުވަތަކަށް ރައީސް މުޢިއްޒު ތުރުކީ އަށް ކުރެއްވެވި ދަތުރުފުޅުގައި، އެ ޤައުމުގެ ރައީސް އާއި ސަރުކާރުގެ އިސް ވަރަށް ގިނަ ބޭފުޅުންނާ ބައްދަލު ކުރައްވައި އެކި ދާއިރާތަކުން ގުޅުން ބަދަހި ކުރަން މަޝްވަރާ ކުރައްވާފައިވެއެވެ.

އާދިއްތަ ދުވަހު އެމަނިކުފާނު ފެއްޓެވި މި ދަތުރުފުޅާއި ގުޅޭގޮތުން ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، މިއީ ރާއްޖެއާއި ތުރުކީ ދެމެދު އޮތް ގުޅުމުގެ އައު ބާބެއްގެ ފެށުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި މީގެ ސަބަބުން ގުޅުން އިތުރަށް ބަދަހިވެ، އިތުރު ދާއިރާތަކަކުން ދެ ޤައުމުގެ ގުޅުން އިތުރަށް ފުޅާވެގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރާއްޖެއާ މެދު ބަހައްޓަވާ ޚާއްޞަ ގާތްކަމަށް ތުރުކީގެ ރައީސަށް ޝުކުރު ދަންނަވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.