ރައީސުލްޖުމްހޫރިއްޔާ ޔޫއޭއީގައި ދިރިއުޅޭ ދިވެހީންނާއި ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ޔޫއޭއީގައި ދިރިއުޅޭ ދިވެހީންނާއި ބައްދަލު ކުރައްވައިފިއެވެ.

ރައީީސް އޮފީހުން ބުނީ އެމަނިކުފާނު އެ ޤައުމުގައި އުޅޭ ދިވެހީންނާއި ބައްދަލުކުރައްވައި، އެފަރާތްތަކަށް ދިމާވާ ދަތިތައް އޮޅުންފިލުއްވައިފައިވާ ކަމަށެވެ.

މި ބައްދަލުކުރެއްވުމުގައި، އެ ޤައުމުގައި ތަޢުލީމު ހާސިލު ކުރަމުން އަންނަ ދިވެހި ދަރިވަރުން ބައިވެރިވިއެވެ. ރައީސް އޮފީހުން ބުނީ 200އަށްވުރެ ގިނަ ދިވެހީން މި ބައްދަލުކުރެއްވުމުގައި ބައިވެރިވި ކަމަށެވެ.

https://twitter.com/presidencymv/status/1730284761669890215?t=3wgOc1OAsOb81Jzt61DjjQ&s=19

ރައީސް މުޢިއްޒު މިހާރު ހުންނެވީ ދުބާއީގައެވެ.

އެމަނިކުފާނު ދުބާއީއަށް ވަޑައިގެންނެވީ ކޮޕް28 ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށެވެ.

ކޮޕް28 ބައްދަލުވުން ވެގެންދާނީ، ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީއަށް ރާވާފައިވާ ކަންކަމާ ގުޅޭ މަޢުލޫމާތު ބައިނަލްއަޤްވާމީ މައިދާނުގައި ހިއްސާކުރުމަށް ލިބޭ އަގުހުރި ފުރުޞަތެކަށް ކަމަށް ރައީީސް އޮފީހުން ބުނެއެވެ.
މި ބައްދަލުވުމުގައި ރައީސް މުޢިއްޒު ތަޤުރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ ޑިސެންބަރު މަހުގެ 1 ވަނަ ދުވަހުއެވެ.

ކޮޕް28 ބައްދަލުވުމަކީ ޕެރިސް އެއްބަސްވުމާ ގުޅިގެން ދުނިޔެއަށް ލިބިފައިވާ ކުރިއެރުންތައް ދެނެދެގަތުމުގެ ކަންކަން ކުރަމުންދާ މިދަނޑިވަޅުގައި މުހިންމު ދައުރެއް އަދާކުރާނެ ޚާއްޞަ ބައްދަލުވުމެކެވެ. ދުނިޔޭގައި ނެގޭ ފުރަތަމަ ’ގްލޯބަލް ސްޓޮކްޓޭކް‘ (ޖީ.އެސް.ޓީ) އިން ޕެރިސް އެއްބަސްވުން ތަސްދީގުކުރި ފަހުން ލިބުނު ކުރިއެރުންތަކުގެ މިންވަރު ވަޒަންކުރެވިގެންދާނެއެވެ.