ދިވެހިރާއްޖެއިން ބޭރުގައި އުޅޭ ދިވެހީންނަށް އިސްލާމްދީނާއި ދިވެހި ބަހާއި، ޤައުމިއްޔަތު އުގަންނައިދެވޭނެ ގޮތް ހަމަޖައްސަވައިދެއްވާނެ ކަމަަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، އެކުވެރި ޢަރަބި އިމާރާތް ނުވަތަ ޔޫއޭއީގައި ތިބި ދިވެހި ކިޔަވާ ކުދީންނާ އެ ޤައުމުގައި ދިރިއުޅޭ ދިވެހި ޢާއިލާތަކާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ޤައުމިއްޔަތާއި ތަރުބިއްޔަތު ވަކި މާއްދާއެއްގެ ގޮތުގައި ރާއްޖޭގެ ސްކޫލްތަކުގައި އުނގަންނައިދޭން ފެށުމަކީ ރައީީސް މުޢިއްޒުގެ ވަރަށް މުހިންމު ވަޢުދުފުޅެކެވެ. ރިޔާސީ ކެމްޕެއިނުގައި، ހުޅުމާލޭގައި ބޭއްވެވި ރެލީއެއްގައި އެމަނިކުފާނު ވަނީ ތުއްތު ކުދިންނާއި ޒުވާނުންގެ ހިތްތަކުގައި ޤައުމިއްޔަތުގެ ލޯބި އުފެއްދުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ.
ޔޫއޭއީގައި އުޅޭ ދިވެހީންނާ ބައްދަލުކުރައްވައި އެމަނިކުފާނު ވިދާޅުވީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހި ކިޔަވާ ކުދީންނާ ދިވެހީނަށް އިސްލާމް ދީނާ ދިވެހިބަހާ ދިވެހި ޤައުމިއްޔަތު އުނގަންނައިދެވޭނެ އިންތިޒާމް، ދިވެހި ސަފާރާތައް މެދުވެރިކޮށް ހަމަޖައްސަވައިދެއްވާނެ ކަމަށެވެ.
އެމަނިކުފާނުގެ ވާހަކަފުޅުގައި ބޭރު ޤައުމުތަކުގައި ހުންނަ ދިވެހި ސަފާރާތަކުން އެންމެ އިސްކަން ދޭންޖެހޭނީ އެ ޤައުމުތަކަށް ޒިޔާރަތްކުރާ އަދި އެ ޤައުމުތަކުގައި ދިރިއުޅޭ ދިވެހީންގެ ހާލުއަހުވާލު ބަލައި ކަންކަން ފަހިކޮށް ދިނުމަށް ކަމަށް ވެސް ރައީީސް ވިދާޅުވިއެވެ.
އަދިރާއްޖެއިން ބޭރަށް ކުރައްވާ ކޮންމެ ޒިޔާރަތެއްގައިވެސް ވަގުތު ލިބިވަޑައިގަތް ވަރަކުން ދިވެހީންނާ ބައްދަލުކުރައްވާ ހާލުއަހުވާލު ބައްލަވައި ސަރުކާރުން ފަހިކޮށްދެވޭނެ ކަންކަމާމެދު މަޝްވަރާކުރައްވާނެ ކަމުގައި ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އޮފީހުން ބުނީ، ޔޫއޭއީގައި އުޅޭ ދިވެހީންނާއިއެކު ބޭއްވި ބައްދަލުކުރެއްވުމުގައި 200 އަށްވުރެ ގިނަ ދިވެހީން ބައިވެރިވި ކަމަށެވެ.
