ފަލަސްޠީނުގެ މިނިވަންކަމަށް މަސައްކަތް ކުރަމުން އަންނަ ހަމާސް ޖަމާޢަތުން ދިން ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން ކަމަށް ބުނެ، އިޒްރޭލުން ޣައްޒާއަށް ބޮން އަޅަމުން އަންނަތާ ދެމަސް ވެފައިވާއިރު، ހަމަލާތަކުގައި ޝަހީދުކޮށްލި މީހުންގެ އަދަދު 18،000 އިން މައްޗަށް ވަނީ އަރައިފައެވެ.

ޣައްޒާގެ އެތައްހާސް ރައްޔިތުންގެ ބޯހިޔާވަހިކަން ގެއްލި މަގުމަތިވެފައިވާއިރު، ކާބޯތަކެއްޗާއި، ޞިއްޙީ ޚިދުމަތް ހޯދުންފަދަ އަސާސީ އެތައް ކަމަކަށް ވަރަށް ބޮޑަށް ވަނީ ދަތިވެފައެވެ. މި ހަނގުރާމައިގައި އެންމެ ބޮޑު ވޭނަކާއި ހިތްދަތިކަމެއް ލިބެމުން ދަނީ ފަލަސްޠީނުގެ އެއްވެސް ކުށެއް ނެތް، މައުސޫމް ތުއްތު ކުދިންނަށެވެ.

ދަ ޕަލަސްޓިނިއަން ރެޑްކްރެސެންޓް(ޕީއާރްސީއެސް) އިން ބުނީ، އިޒްރޭލުގެ ބޮމުގެ ހަމަލާތަކާއިއެކު، ފަލަސްޠީނުގެ ކުޑަކުދިންނަށް ލިބެމުންދަނީ، ނުފިލާނެ ޒަޚަމްތަކެއް ކަމަށެވެ. ރޭގަނޑުގެ ނިދިން އެ ކުދިން ވަނީ މަހުރޫމްވެފައެވެ. ހިތުގައި އޮންނަނީ ކޮންމެ ވަގުތެއްގައި ވެސް ބޮމުގެ ހަމަލާއެއް އަމާޒުވެދާނެކަމުގެ ބިރެވެ.

”ކޮންމެ ދުވަހަކު އެ ކުދިން އަހާނެ، ހަނގުރާމަ ހުއްޓޭނީ ކޮން އިރަކުންތޯ،“ ޕީއާރްސީއެސްގެ މެންޓަލް ހެލްތު ޑިރެކްޓަރު ނެވިން އަބްދުލްހާދީ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރޭގަނޑު އެ ކުދިންގެ ބިރުވެރިކަން އިންތިހާއަށް އިތުރުވާއިރު، އިރުއަރާއިރު ހޭނުލެވިދާނެތޯ ވެސް އެ ކުދިން އަހާ ކަމަށެވެ.

ހަމަލާތަކަށް ހުއްޓުމެއް ނާންނައިރު، އދ.އާއްމު މަޖިލީހުން ވަނީ، އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ހަމަލާތައް މިވަގުތަށް މެދުކަނޑައިލަން ގޮވައިލައި ޤަރާރެއް ފާާސްކޮށްފައެވެ. އދ އިން އަބަދުވެސް މިފަދަ ޤަރާރުތައް ފާސް ކުރެއެވެ. އެހެންނަމަވެސް، ޔަހޫދީންނަކީ އދގެ ޤަރާރުތަކަށް ބޯލަނބާ ބައެއް ނޫނެވެ.

 

ި