ފަލަސްޠީނުގެ ޣައްޒާގެ ރެފިއުޖީ ކޭމްޕަކަށް ދިން ބޮމުގެ ހަމަލާއެއްގައި 90 މީހަކު ޝަހީދުކޮށްލައިފިއެވެ.

ޣައްޒާގެ އުތުރުގައި އޮންނަ ޖަބަލިއާ ރެފިއުޖީ ކޭމްޕަށް އަމާޒުކޮށްގެން ދިން މި ހަމަލާގައި، 90 މީހުން ޝަހީދުވެގެންދިޔައިރު، 100އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ.

މީހުން ދިރިއުޅޭ އިމާރާތަކަށް ދިން މި ހަމަލާގައި ޒަޚަމް ލިބުނު މީހުންގެ ތެރޭގައި އަންހެނުންނާއި ކުޑަކުދީން ވެސް ހިމެނޭ ކަމަށް ބޭރުގެ ޚަބަރުތައް ބުނެއެވެ.

ހަމަލާގެ ސަބަބުން، އިމާރާތްތަކުގެ ދަށުވެގެން، ޝަހީދުވި މީހުންގެ އަދަދުވެސް ގިނައެވެ. ނަމަވެސް އިޒްރޭލުގެ ޔަހޫދީންގެ ހަމަލާތަކަށް މެދުކެނޑުމެއް އައިސްފައި ނުވާތީ، އިމާރާތްތަކުގެ ދަށުވެފައިވާ މީހުން ހޯދުން ވަނީ ދަތި ކަމަކަށް ވެފައެވެ.

ޔަހޫދީން ޣައްޒާއަށް ހަމަލާދޭން ފެށީ މިދިޔަ އޮކްޓޯބަރުމަހުގެ ތެރޭގައެވެ. މި ހަނގުރާމައަށް ދެ މަސް ވެގެންދިޔައިރު، ފަލަސްޠީނުގެ 19،000 މީހުން ވަނީ ޝަހީދުކޮށްލައިފައެވެ.