ދިވެހި ފަންނާނުންނަށް ގެއްލުންވާ ފަދަ އެއްވެސްކަމެއް މި ސަރުކާރުން ނުކުރައްވާނެކަމަށާއި، ސަރުކާރުން މަސައްކަތް ކުރައްވާނީ ފަންނާނުންގެ ކުރިއެރުމަށްކަމަށް ޓުއަރިޒަމް މިނިސްޓަރު އިބްރާހީމް ފައިސަލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ފައިސަލް މިހެން ވިދާޅުވީ، ދިވެހި ފަންނާނުންނަށް ލިބޭ ފުރުޞަތުތައް މަދުކަމަށް ބުނެ ބައެއް ފަރާތްތަކުން ފާޅުކުރަމުންދާ ކަންބޮޑުވުންތަކާއި ގުޅިގެންނެވެ.
ފައިސަލް އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަކީ ދިވެހި ފަންނާނުންގެ ކުރިއެރުމާއި ތަރައްޤީއަށް އިސްކަންދެއްވައިގެން މަސައްކަތްކުރައްވާނެ ސަރުކާރެއްކަމަށެވެ.
އަދި މިހާރުވެސް މަސައްކަތްކުރަމުންދަނީ އެ މަގުންކަން ފާހަގަކުރައްވަމުން ފައިސަލް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ދިވެހި ފަންނާނުންނަށް ގެއްލުންވާ ފަދަ އެއްވެސްކަމެއް ނުކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާކަމަށެވެ.
ފައިސަލް ވިދާޅުވީ ދިވެހި ފަންނާނުންނަށް ފަތުރުވެރިކަމުގެ ދާއިރާއިން ފަހި ފުރުޞަތު ހޯދައިދެއްވުމަކީ ރައީސްގެ އަމާޒުކަމަށެވެ.
އެގޮތުން ކުރިޔަށް އޮތް ދުވަސްތަކުގަައި ކަމާއި ގުޅުން ހުރި ބޭފުޅުންނާއި ބައްދަލުކޮށް، އެ ފަރާތްތަކުގެ ކަންބޮޑުވުންތައް އޮޅުންފިލުއްވާނެކަމަށްވެސް ފައިސަލް ވިދާޅުވިއެވެ.
ފައިސަލް ވިދާޅުވީ ފަންނާނުގެ ކަންބޮޑުވުންތައް އަޑުއެހުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅާއެކު އެކަންކަމަށް ހައްލު ހޯއްދަވައިދެއްވާނެކަމަށެވެ.
