އަހިވަކަކީ ވަރަށް ނުބައި ވަހެއް ހުންނަ، ހުތް ފޮނި މޭވާއެކެވެ.
މި މޭވާއިން ކިތަންމެ ނުބައި ވަހެއް ދުވިނަމަވެސް، މިއީ ސިއްހީ ގޮތުން އިންސާނާގެ ހަށިގަނޑަށް ގިނަ ފައިދާތަކެއް ލިއްބައިދޭ މޭވާއެއް ކަމުގައި ސިއްހީ ލިޔުންތަކުގައިވެއެެވެ.
މި ލިޔުމުގައި މި ހިއްސާ ކޮށްލަނީ އަހިވަކުން ލިބޭނެ ބައެއް ފައިދާތަކެވެ.
ދިފާޢީ ނިޒާމަށްކުރާ ފައިދާ: އަހިވައް ޖޫހުގައި ދިފާއީ ބާރު ރަނގަޅުކޮށްދޭ ހާއްސިއްޔަތެއް ހުރެއެވެ. ދިރާސާތައް ބުނާގޮތުގައި ގަވާޢިދުން އަހިވައް ފަނި ބުއިމަކީ ލޭގެ ހުދު ސެލްތައް އުފެއްދުން އިތުރުކޮށް ރަނގަޅުކޮށްދޭ ކަމެކެވެ. އަދި އެކަމުގެ ސަބަބުން ބަލިތަކުން ދިފާޢުވުމުގެ ބާރު އުފެދެއެވެ.
މީގެ އިތުރުން ދުޅަތަކާއި ދެކޮޅަށް މަސައްކަތްކުރުމުގެ ބާރުވެސް އަހިވައް ފަނީގައި ބައެއް ހާލަތްތަކާއި ގުޅިގެން ހުރެއެވެ. އެގޮތުން ހުޅުތައް ދުޅަވުމާއި، ގައުޓް، މުލިހި، ބުރަކަށީގައި ރިހުން، އަދި އުރަމަތި ދުޅަވެދޮސްގަތުން ފަދަ ޙާލަތްތަކުގައި މިބުނި ބާރު މަސައްކަތް ކުރެއެވެ.
ނޭވާލާ ނިޒާމަށްކުރާ ފައިދާ: ނޭވާލާ ނިޒާމަށް ޖެހޭ އާންމު ބަލިތައް ކަމަށްވާ، އަރިދަފުސް ރޯގާ، ކެއްސުމާއި ކަރުތެރެ ހަލާކުވުން، އެލާރޖީ، އަދި ނޭވާހިއްލުން ފަދަ ބަލިތަކަށް އަހިވައް ބޭނުންކޮށްގެން ލުއިކަން ހޯދައިދެވިދާނެއެވެ.
