ދުވާލުގެ ހުރިހާ ވަގުތެއް ކެއިން ބުއިމާއި ދުރުގައި ހޭދަ ކުރާ ރަމަޟާން މަސް ނިމިގެންދާއިރު، ހަށިގަނޑުގެ ބަރުދަން ލުއި ނުވަނީ ކީއްވެގެން ހެއްޔެވެ؟ ނުވަތަ ރޯދަ މަސް ފެށުނުއިރު ބަރުދަން ހުރި މިންވަރަށްވުރެ އިތުރުވަނީ ކީއްވެގެން ހެއްޔެވެ؟
މި ސުވާލުގެ ޖަވާބުގައި ޑައިޓީޝަނަކު ބުނީ، ރޯދަ މަހުގައި ނުކައި ހޭދަ ކުރާ ވަގުތުތައް ގިނަ ވިޔަސް، ބަރުދަން ލުއި ނުވަނީ، ނުވަތަ އިތުރަށް ބަރު ވަނީ ރޯދަ ވީއްލުމަށް ފަހުގައި، ހާރު ކެއުމާއި ހަމައަށް ކެވޭ ތަކެތީގެ ސަބަބުން ކަމަށެވެ. ރޯދަ ވީއްލަން އެތައް ވައްތަރުގެ ކާއެއްޗެއް ތައްޔާރު ކުރެވޭއިރު، އެހެން ދުވަސްތަކާ އަޅާ ބަލާއިރު، ރޯދަ މަހުގައި ތެލުލި ކާއެއްޗެހި ތައްޔާރު ކުރެވޭ މިންވަރު އިތުރުވެއެވެ.

ތެލުލާ ކާތަކެތި، ތެލުގެ ތެރޭގައި ގިނައިރު ހޭދަވާ ވަރަކަށް، އެއަށް ތެޔޮ ވަންނަ މިންވަރު އިތުރުވެ، ކެލެރީ އިތުރުވާނެއެވެ. ތެލުލި ކާއެއްޗެއްގެ އެތިކޮޅެއްގައި ވެސް 200 ކެލެރީ ހުރެދާނެއެވެ.
އެކަމަކު އެންމެ ބޮޑު މައްސަލައަކީ ތެލުލި ކާއެއްޗެއް ކެއުމެއް ނޫނެވެ. މައްސަލައަކަށް ވަނީ ކާ މިންވަރެވެ. މާ ގިނައިން ކެވުމެވެ. ދުވާލު އެއްކޮށް ނުކައި ހުރެފައި، ރޯދަ ވީއްލާ ގަޑީގައި މާ ގިނައިން ކެވެނީއެވެ.
މީގެ އިތުރުން ރޯދަ މަހުގެ ބޮވޭ ފިނި ބުއިންތަކަކީ ވެސް ބަރުދަން އިތުރުވުމަށް މަގުފަހި ކުރުވާ އެއްޓެކެވެ. ކަރުހިއްކުން ފިލުވާލުމުގެ ގޮތުން، ފެނުގެ ބަދަލުގައި މި ބޮވެނީ ގިނައިން ހަކުރު އެކުލެވޭ ފަނި ތައްޓެކެވެ. ނުވަތަ ކޮންމެވެސް ކަހަލަ ސޮޑާ ޑްރިންކެކެވެ. މިއީ ވެސް ބަރުދަން އިތުރުވުމަށް މަގުފަހި ކުރުވާނެ ކަމެކެވެ.
ރޯދަ މަހު ބަރުދަން އިތުރު ވިޔަސް، އެ މަސް ނިމުމާއިއެކު، ބަރުދަނަށް އިތުރުވި ބައި ދުއްވާލާ މީހުން ވެސް މަދެއް ނޫނެވެ.
