ބައެއް ބޭފުޅުންނަށް އިންޑިއާ ކަމުނުދަނީ އެގައުމަކީ ޑިމޮކްރަސީގެ އުސޫލުތައް ގަބޫލު ކުރާ ގައުމަކަށް ވާތީ ކަމަށް ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ސަމީރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން ސަމީރު ވަނީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅަށް އަޑު އުފުލާ ފަރާތްތަކަށް ފާޑުވިދާޅުވެފައެވެ. ސަމީރު ވިދާޅުވީ އިންޑިއާ އަކީ އެންމެ ބޮޑު ޑިމޮކްރަސީ ކަމަށާއި، ރާއްޖެއަށް ބޭނުންވާ އާންމު ހިދުމަތްތައް ހޯދުމުގައިވެސް އެގައުމަކީ މުހިންމު ބައިވެރިއެެއް ކަމަށެވެ.

އެބޭފުޅުން ގަބޫލު ނުކުރައްވާ ރާއްޖޭގެ ޑިމޮކްރަސީއެއް. އެހެންވީމަ، އެ ޑިމޮކްރަސީ ގަބޫލު ނުކުރާ ބޭފުޅުންނަށް އިންޑިއާ ކަމަކު ނުދާނެ. އެހެންވީމަ، އެ ކަމުނުދާ ނުދިޔުން، ދިވެހި ރައްޔިތުންނަށް ވިސްނައިދޭން މަސައްކަތް ކުރަނީ.

ސަމީރު އިތުރަށް ވިދާޅުވީ އިންޑިއާ އަކީ ގިނަ ކަންކަމުގައި ރާއްޖެއަށް އެހީތެރިވަމުން އަންނަ ގައުމެއް ކަމަށާއި، ރާއްޖެއިން ކަމަކަށް އެދުމުން ”އަތްފޯރާ ފަށުގައި“ އޮތީވެސް އެގައުމު ކަަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖޭގައި މީގެ ކުރިން ވެރިކަން ކުރައްވާފައި ތިއްބެވި ބޭފުޅުންވެސް އިންޑިއާއާ ގާތް ގުޅުމެއް ބޭއްވެވި ކަަމަށެވެ.

ސަމީރު ވަނީ ދިވެހިން ބަލަނީވެސް އިންޑިއާގެ ފިލްމު ކަަމަށާއި، ރީތި ލަވައެއް ހެދިޔަސް ހަދަނީ ގިނައިން އިންޑިއާގެ ކޮންމެވެސް ލަވައެއް ބަލައިގެން ކަަމަށެވެ.

އިންޑިއާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ހީނަރު ކުރަން އުޅޭ ބަޔަކު ކުރާ މަސައްކަތް ކާމިޔާބު ނުވާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.