މ.މުލީގެ އިހުތިސާސްގެ ތެރޭގައި، އެ ރަށް ކައިރީގައި އޮންނަ ބޯހުރާ ހިމަނައިފިއެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ނެރުއްވި ގަރާރެއްގައި ވިދާޅުވީ ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގަން ވާނީ ލާމަރުކަޒީ އުސޫލުން ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ ކަމަށެވެ.

”ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު“ ގައި ވަނީ ރާއްޖޭގެ ހުރިހާ އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިސާސް ކަނޑައެޅުމުގެ ޒިންމާ ރައީސުލްޖުމްހޫރިއްޔާއަށް މަތި ކޮށްފައި ކަމަށެވެ.

ގަރާރުގައި ރައީސް ވިދާޅުވީ 2020 ވަނަ އަހަރު މާޗު މަހުގެ 18 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ގަރާރަކުން ކަނޑައަޅައިފައިވާ ރާއްޖޭގެ ހުރިހާ އިދާރީ ދާއިރާތަކުގައި ހިމެނޭ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތަކުގެ އިހުތިސާސަށް ބަދަލު ގެންނަން ފެނިއްޖެ ކަމަށެވެ.

އެހެންކަމުން މުލަކު އަތޮޅު މުލީގެ އިދާރީ ދާއިރާގެ އިހުތިސާސަށް ބަދަލު ގެނެސް، މުލަކުގެ އިހުތިސާސްގެ ތެރޭގައި ބޯހުރާ ހިމަނާ ކަމަށް ރައީސް ވިދާޅުވިއެވެ.