އިންތިހާބުގައި ވަކި މީހަކަށް ވޯޓު ލުމަށް އެދި ދޭ އެއްވެސް ހަދިޔާއެއްގައި ނުހިފުމަށް އިލެކްޝަންސް ކޮމިޝަން(އީސީ)ގެ ރައީސް ފުއާދު ތައުފީގު އިލްތިމާސް ކުރައްވައިފިއެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމް އަށް ދެއްވި އިންޓަރވިޔުއެއްގައި ފުއާދު ވަނީ ވޯޓުލުމަކީ ކޮންމެ މީހެއްގެ ވެސް ޒިންމާއެއް ކަމާއި، ގައުމީ ވާޖޮބެއް ކަން ހަނދާން ކޮށްދެއްވާފައެވެ.

ނަމަވެސް، މި ހައްގު އަދާ ކުރުމުގައި، ވަކި ފަރާތަކުން ދޭ ފައިސާ، ނުވަތަ ހަދިޔާއެއްގައި ނުހިފުމަށް ވެސް ފުއާދު އިލްތިމާސް ކުރެއްވިއެވެ.

”އެއީ، މިއަދު ކޮންމެ މީހަކީ ވެސް މިނިވަނެއްގެ ގޮތުގައި ހުރެގެން، މިނިވަންކަމާއިއެކީގައި، ވޯޓު ލުމަކީ ވަރަށް މުހިންމު ކަމެއް.“ ފުއާދު ވިދާޅުވިއެވެ.

މިއަދު ކުރިއަށްދާ އިންތިހާބުގައި 11 ޖެހުމާއި ހަމައަށް 70،949 މީހުން ވޯޓު ލާފައިވެއެވެ. ވޯޓުލުން، ހަވީރު 5:30އާއި ހަމައަށް ކުރިއަށް ދާނެއެވެ.