ހަތިޔާރުގެ އަޅުވެތިކަމުން ދިވެހި ގައުމު މިނިވަންކުރި ފަދައިން، ދަރަނީގެ އަޅުވެތިކަމުންވެސް ދިވެހި ގައުމު ސަލާމަތްކޮށް، އިގްތިސާދީ މިނިވަންކަން ޤާއިމުކުރަންޖެހޭ ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ރޭ ބޭއްވި ނަސްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައެވެ.
އެމަނިކުފާނު ވަނީ، 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ޤައުމުގެ ދިފާޢުގައި ތެދުވެވަޑައިގެންނެވި މަތިވެރި ޝަހީދުންގެ ޒިކުރާ އާކުރައްވައި، އެފަރާތްތަކުގެ ގުރުބާނީގެ އަގުވަޒަންކުރައްވާފައެވެ.
މިމޭރުމުން ދެއްކެވި ވާހަކަފުޅުގައި، ދިވެހި ތާރީހު ދުށް ހުރިހާ ޝަހީދުން ވެސް ހިޔާރުކުރެއްވީ ދިވެހި ވަތަން ކަމަށާއި، އިސްކަން ދެއްވީ ގައުމާއި ވަތަނުގެ މިނިވަންކަމާއި ހަމަޖެހުމާއި އަމާންކަން، އަދި މުސްތަޤުބަލުގެ ތަރައްޤީއާއި ކުރިއެރުމަށްކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ދިވެހި ތާރީހުން ފެންނަން ހުރި ޢިބުރަތްތެރި ފިލާވަޅުތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ޕޯޗުގީޒުންނާއި މަލާބާރީންގެ ހަމަލާތަކާއި، ބޮޑުހުޅުގެ ހާދިސާގެ އިތުރުން ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލާގެ އަޑީގައިވެސް ތިބީ ވެރިކަމަށް ދަހިވެތިވެފައިވާ ދިވެހިންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ގައުމަށް ޣައްދާރުވުމުގެ ނަތީޖާ އަކީ އަބަދުވެސް އަބާއްޖަވެރިކަންކަމުގައި ހަނދާންކޮށްދެއްވަމުން އެމަނިކުފާނު ވިދާޅުވީ، ގައުމަށް ވަފާތެރިވުމުގެ ނަތީޖާއަކީ އަބަދުވެސް ބާއްޖަވެރިކަންކަމުގައެވެ.
ނޮވެންބަރު ތިނެއްގެ ނުރައްކާތެރި އުދުވާނީ ހަމަލާއަށް ފަހު، 38 އަހަރު ފާއިތުވެދިޔައިރު، މި ހާދިސާ ނުދެކޭ އާ ދެ ޖީލެއް އަޅުގަނޑުމެންނާ ބައްދަލުކޮށްފައިވާކަން ފާހަގަކުރައްވާ، އެ ކުދީންނަށްޓަކާ އަދާކުރާންޖެހޭ ޒިންމާތަކަކާއި މަސްއޫލިއްޔަތުތަކެއްވާކަންވެސް އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.
މިކަންކަމުގެ ބިންގާ ގޮސް ގުޅެނީ ޤައުމުގެ މިނިވަންކަމާއި، އިޤްތިޞާދީ ފުދުންތެރިކަމާއި، ދައުލަތުގެ ސިޔާދަތާއި އިސްތިޤުލާލުގެ ދެމި އޮތުމުގެ ކަށަވަރުކަމާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ފުދުންތެރި، ބާއްޖަވެރި އަދި އުފާވެރި ދިރިއުޅުމެއް ރައްޔިތުންނަށް ހޯދައިދިނުމުގެ އެންމެ އަސާސީ ބިންގަލަކީ ގައުމުގެ އިގްތިސާދީ މިނިވަންކަން ޤާއިމުވެފައި އޮތުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ގައުމެއްގެ އަމިއްލަ ބަސް ބުނެ، އަމިއްލަ ދީނާއި އަމިއްލަ ގޮތްތައް ރައްކާތެރި ކުރެވެނީ އެ ގައުމެއްގައި ސަލާންޖަހަން ނުޖެހޭ އިގްތިސާދަކަށް ފުރާނައެޅުވިގެންކަން އެމަނިކުފާނު ހަނދާންކޮށްދެއްވިއެވެ.
ރާއްޖެ ބަނގުރޫޓުވުމުގެ ބިރުވެރިކަމުން ސަލާމަތްކޮށް، ޒިންމާދާރުކަމެއް ނެތި ފައިސާ ޗާޕުކުރުން ހުއްޓާލައި، ދައުލަތުގެ ދަރަނިތައް ދައްކައި ހަލާސްކުރުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތްތައް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ގައުމެއްގެ ޙަޤީޤީ ސިޔާދަތު ކަށަވަރުކުރެވެނީ ސަލާންޖަހަން ނުޖެހޭ ފުދުންތެރި އިގްތިސާދެއް ބިނާކުރެވިގެންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ބޭރުގެ ސިފައިން ރާއްޖެއިން ފޮނުވާލެވިފައިވާކަމާއި، ގެއްލިފައިވާ ކަނޑުގެ ސަރަޙައްދު ހޯދުމުގެ މަސައްކަތް ބައިނަލްއަގްވާމީ މައިދާނުގައި ފެށިފައިވާކަމުގެ ޔަގީންކަން އަރުވަމުން، ގައުމީ ދިފާއީ ބާރުގެ ޢަސްކަރީ ޤާބިލުކަން އިތުރުކުރުމުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާކަންވެސް އެމަނިކުފާނުގެ ތަގުރީރުގައި ހާމަކުރެއްވިއެވެ.

