ދިވެހި ފުލުހުންގެ ހިދުމަތުގެ ކޮންސްޓަބަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ.

މި ވަޒީފާގެ ފުރުސަތު ހުޅުވާލައި ފުލުހުންގެ އިދާރާއިން ގެޒެޓްކޮށްފައިވާ އިއުލާނުގައި ވަނީ ފުލުހުންގެ ކޮންސްޓަބަލް ވަޒީފާއަށް ވަނުމުގެ ފުރުސަތު ހުޅުވާލައިފައި ވަނީ އުމުރުން 18 އަހަރާއި 35 އަހަރާއި ދެމެދުގެ މީހުންނަށް ކަމަށެވެ.

އަދި ފިރިހެނަކު ނަމަ، އިސްކޮޅުން ފަސް ފޫޓް ފަސް އިންޗި އަދި އަންހެނަކު ނަމަ، އިސްކޮޅުގައި ފަސް ފޫޓް ދެ އިންޗި ހަމަވާން ޖެހޭ ކަމަށް އިއުލާނުގައިވެއެވެ.

މީގެ އިތުރުން ޝަރުތުތަކުގެ ތެރޭގައި، އެސްއެސްސީ އިމްތިޙާނުން ދެ މާއްދާއިން ދަށްވެގެން ”ސީ“ ފާސް ލިބިފައިވުމާއެކު، ޖީސީއީ އޯ ލެވެލް އިމްތިޙާނުން މަދުވެގެން ދެ މާއްދާއިން ދަށްވެގެން ”ސީ“ ފާސް ހާސިލުކޮށްފައިވުން ނުވަތަ އެއާ އެއްވަރުގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން ހިމެނެއެވެ.

ނުވަތަ ގްރޭޑް 10 ނިންމާފައިވުމާއެކު، ދިވެހި ފުލުހުންގެ ހިދުމަތުގެ ވަޒީފާ އަދާކުރުމަށް ބޭނުންވާނެ ފަދަ ހާއްސަ ފަންނީ ހުނަރެއް ލިބިފައިވުން ވެސް ބަލައިގަންނާނެ ކަމަށް އިއުލާނުގައިވެއެވެ.

މުސާރައާއި އިނާޔަތްތަކާއެކު ޖުމްލަ 15،500ރ ލިބޭ މި ވަޒީފާއަށް ކުރިމަތިލާން ބޭނުންވާ މީހުން، މި މަހުގެ 15 ވަނަ ދުވަހުގެ ހަވީރު 16:00 ގެ ކުރިން، ވަޒީފާއަށް އެދޭ ފޯމް ފުރުހަމަކޮށް ހުށައަޅަން ޖެހޭނެއެވެ.

ހުށަހަޅާ ފޯމްތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ މެންދުރުފަހު 14:00 އިން 16:00 އާއި ދެމެދުއެވެ. އަދި ވަޒީފާގެ އިންޓަވިއުއަށް ދައުވަތު ދެވޭނީ ޝަރުތު ހަމަވެ ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށްކަން ފުލުހުން ފާހަގަކޮށްފައިވެއެވެ.

މި ވަޒީފާއަށް ކުރިމަތިލާ މީހުންނަށް ކުރިޔަށްގެންދެވޭ، ޓެސްޓްތައް:

  • ބެކްގްރައުންޑް އެސެސްމެންޓް
  • ފިޒިކަލް ފިޓްނަސް ޓެސްޓް
  • ފެތުމުގެ ޓެސްޓް
  • އެޕްޓިޓިއުޑް ޓެސްޓް
  • އިންޓަވިއު
  • މެޑިކަލް އެގްޒަމިނޭޝަން

އިއުލާންގައި އިތުރަށް ބުނެފައިވަނީ ވަޒީފާއަށް މީހުން ހޮވުމުގައި މި ޓެސްޓްތަކުން އެންމެ މަތިން ފާސްވާ މީހުންނަށް އިސްކަންދޭނެ ކަމަށެވެ.