ކީރިތި ރަސޫލާ (ސ.އ.ވ)އަށް ފުރައްސާރަ ކުރި ލިޔުންތެރިޔާ ސަލްމާން ރުޝްދީއަށް ވަޅިން ހަމަލާ ދިނުމުގެ ސަބަބުން، އޭނާއަށް މިހާރު އަންނަނީ ވެންޓިލޭޓަރުގައި ފަރުވާ ދެމުންނެވެ.

އޭނާ އޮތީ ވާހަަކަވެސް ނުދެއްކޭ ހާލަތުގައި ކަމަށް ބައިނަލްއަގްވާމީ ނޫސްތަކުން ރިޕޯޓް ކުރެއެވެ.

ނިއުޔޯކްގެ ފުލުހުން ބުނީ އުމުރުން 75 އަހަރުގެ ސަލްމާނުގެ ކަރަށާއި ހަށިގަނޑުގެ އެތައް ތަަަނަކަށް ވަޅިން ހަމަލާދީ ޒަހަމްކޮށްލާފައިވާ ކަމަށެވެ. އޭނާއަށް ހަމަލާދިނީ ލެކްޗަރެއް ދިނުމަށް ތައްޔާރުވެ، ސްޓޭޖް މަތީގައި ހުއްޓާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސަލްމާނަށް ލިބިފައިވާ އަނިޔާތަކާ ގުޅިގެން، އޭނާގެ ލޮލުގެ ފެނުން ގެއްލިދާނެ ކަމަށްވެސް ޑޮކްޓަރުންނާ ހަވާލާދީ ބޭރުގެ ނޫސްތަކުން ބުނެއެވެ.

އިންޑިއާއަށް އުފަން ސަލްމާނަކީ މުސްލިމު ވިޔަފާރިވެރިއެއްގެ ދަރިއެކެވެ. އޭނާ ތައުލީމު ހާސިލު ކުރީ އިނގެރޭސިވިލާތުންނެވެ. ރަސޫލާ އަށާއި އިސްލާމްދީނަށް ފުރައްސާރަކޮށް ލިޔުނު ލިޔުންތަކާ ގުޅިގެން މީގެ ކުރިންވެސް އޭނާއަށް އެތައް ބަޔަކު މަރުގެ އިންޒާރު ދިނެވެ. އެގޮތުން 1980 ވަނަ އަހަރުގައި އީރާނުން ވަނީ އޭނާ އަކީ މަރާލަން ޖެހޭ ކަމަށް ބުނެ ފަތުވާއެއްވެސް ނެރިފައެވެ.