މިފްކޯގެ މުވައްޒަފުން މަސައްކަތުގައި ދައްކާ ހިތްވަރަކީ އެ ކުންފުނީގެ ކާމިޔާބީގެ ބިންގާ ކަމަށް މިފްކޯގެ ސީ.އީ.އޯ އަހުމަދު ޝަމާހު ރަޝީދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހުގެ ތަހުނިޔާ ދަންނަވައި، މީސްމީޑިއާގައި އާއްމު ކުރެއްވި މެސެޖެއްގައި ޝަމާހު ވަނީ، ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަ ކުރާއިރު، މިފްކޯގެ މުވައްޒަފުން ކުރާ ބުރަ މަސައްކަތާއި، މަސައްކަތުގައި ބަހައްޓާ ފަރުވާތެރިކަމާއި، ކުރާ މަސައްކަތްތަކަށްޓަކައި ޝުކުރުވެރިވާ ކަމަށެވެ.
އަދި ކުންފުނީގެ ކުރިމަގު ބައްޓަން ކުރުމަށް ކޮންމެ މުވައްޒަފަކު އްދާ ކުރާ ދައުރު ބަލައިގަންނަ ކަމުގައި ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން، މިއަދަކީ މަސައްކަތްތެރިންގެ ހައްގުތަކާއި، ހަމަހަމަކަމާއި، ފަހި މަސައްކަތުގެ މާހައުލެއް އޮތުމުގެ މުހިންމުކަން ހަނދާން ކޮށްދޭ ދުވަހެއް ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރަނީ، މޭ މަހުގެ އެއްވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަ ކުރަނީ މަސައްކަތްތެރިންގެ ހައްގުތަކަށް ވަކާލާތުކޮށް، މަސައްކަތްތެރިން ބާރުވެރި ކުރުވުމެވެ.
ަ
