އަންނަ އަހަރުން ފެށިގެން ”ހެޕިނަސް އިންޑެކްސް“ ތައާރަފުުކުރުމަށް ހާއްސަ މަސައްކަތްތަކެއް ސަރުކާރުން ކުރަމުން އަންނަ ކަމަށް ލާމަރުކަޒީ މިނިސްޓަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

ލާމަރުކަޒީ މިނިސްޓްރީން ކުރިއަށް ގެންދާ މަސައްކަތްތަކާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ބޭއްވި ނޫސް ކޮންފަރެންސްގައި ޝަރީފު ވިދާޅުވީ، ރާއްޖެ ތަރައްގީވެ ކުރިއަރަމުން އަންނައިރު ރައްޔިތުންގެ އުފާވެރިކަމާއި ހިތްހަމަޖެހުމާއި ރައްޔިތުން އުއްމީދުކުރާ ގޮތާއި ކޮންމެ ރަށެއް މިއަދު އޮތް ހާލަތު ދެނެގަނެވޭނެ ގޮތެއް އޮންނަންޖެހޭ ކަމަށެވެ.

އަދި ކޮންމެ ރަށެއްގައިވެސް އެ ރަށެއްގައި ދިރިއުޅޭ ބަޔަކުގެ އަދި ރާއްޖޭގެ އެކި ހިސާބުތަކުގައި ދިރިއުޅޭ އެހެން ފަރާތްތައްވެސް މީގެ އިތުރުން ބައިނަލްއަގުވާމީ ދުނިޔޭގައިވެސް ރާއްޖޭގެ އެކި ރަށުގެ ހާލަތު، އެ ރަށެއްގެ ކަންކަން ހުރި ނެތް ގޮތް ދެނެގަނެވޭނެ ގޮތެއް ވުމަކީ މުހިންމު ކަމެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

“ ސަރުކާރުން ނިންމާފައިވަނީ މާނަހުރި ގޮތެއްގައި ރާއްޖޭގެ ރަށްތަކުގެ އުފާވެރިކަން ނުވަތަ ”ހެޕިނަސް އިންޑެކްސް“ގެ ނަމުގައި ހާއްސަ މަސައްކަތެއް ފަށަން،“ އާދަމް ޝަރީފު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެއީ ރަށްރަށުގެ ރައްޔިތުންނަށް ލިބޭ އުފާވެރިކަން، އެ ރައްޔިތުން މިންކުރާ ގޮތެއް ދެނެގަތުމަށްޓަކައި ކުރާ މަސައްކަތެއް ކަމަށާއި އެކަން ބަލާނެ މިންގަނޑެއް ކަނޑައަޅާނީ އަމިއްލަ ފަރާތްތަކާ މަޝްވަރާ ކޮށްގެން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ހެޕިނަސް އިންޑެކްސް ކަނޑައެޅުމުގައި އަޅުގަނޑުމެން ބަލާނީ ކޮން މިންގަޑުތަކެއްތޯ ބަލާނީ އާއްމުންގެ ހިޔާލާއި ވެސް އެއްގޮތަށް ކަމަށެވެ.